"ޓެރަރިޒަމްގެ ޚާއްޞަ އެއްވެސް "ތްރެޓެއް" ރާއްޖެއަކަށް އަދި ނެތެވެ. ރާއްޖެއަށްވެސް ވެސް އޮތީ ހަމަ ދުނިޔޭގެ ހުރިހާ ޤައުމަކަށް އޮތް ތްރެޓެވެ. އޮތީވެސް ހަމަ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް އޮތް މިންވަރަށެވެ!" އެންސީޓީސީ
މިއީ އެމްއެންޑީއެފުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެންސީޓީސީގެ އިސް ބޭފުޅަކު މިއަދުނޫހަށް ވިދާޅުވި ބަސްފުޅެކެވެ.
"ޢަބްދުއްރަޙީމް ވަރަށް ސާފުކޮށް ވިދާޅުވި ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެފައި އޮތް ޤައުމެއް މިހާރު ދުނިޔޭގައި ނެތްކަމަށް. މިއީ ރާއްޖެއިން އެކަނި ބުނާ ބަހެއް ނޫން. ހަމަ ހުރިހާ ޤައުމަކުންވެސް އެކަން ޤަބޫލުކުރާ ގޮތް. މީގެ މާނައަކީ ރާއްޖެއަށް ޚާއްޞަ ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް އޮތުމެއްނޫން. އެގޮތަށް މާނަކޮށް މައުލޫމާތު ފަތުރައިގެން ނުވާނެ. ރާއްޖެއަކަށް އެއްވެސް ޚާއްޞަ ނުރައްކަލެއް އަދި ނެތް. އަޅުގަނޑުމެން މިގެންދަނީ ވަރަށް ގާތުން ބަލަމުން. އިން ޝާ ﷲ!" އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވެސް ޝަމާލްވެސް އިއްޔެ ވިދާޅުވީ ރާއްޖެއާއި އެންމެ ކައިރީގައި އޮތް ޤައުމުގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގުމުން އެފަދަ އަމަލެއް ރާއްޖޭގައިވެސް ހިންގައިފާނެ ކަމަށް ބަލައި ދިވަހި ސިފައިންނާއި ކަމާއި ގުޅުން މުއައްސަސާތަކުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ކަމެއް ހިންގިއަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް ވަނީ ހަރުދަނާ ކޮށްފައި ކަމަށެވެ.
އެމްއެންޑީއެފް އާއި އެންސީޓީސީ އާއި ފުލުހުންނާއި އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓާއި އިމިގްރޭޝަން މިހާރުވެސް ގެންދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ގުޅުން ހުރި މުއައްސަސާތައް އެއް ވިޔުގައަކުން ގުޅައިލުމަށް އިޞްލާޙްކުރަން ޖެހޭ ޤާނޫނުތައް އެކުލަވާލައި ފާސްކުރަން މިހާރުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.