ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ.
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ ޑިފެންސް މިނިސްޓްރީން މިއަދު ކުރި (ނަންބަރު: (IUL)28-PM-1/1/2019/50 އިޢުލާނުންނެވެ. މިގޮތުން މިފަހަރު ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ، މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސަރވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖުލައި 02 ވަނަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންއެވެ.
ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުންނެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯސްޓާއި ޅ.ނައިފަރު ޕޯސްޓުންނެވެ. އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫ އާއި ދ.ކުޑަހުވަދޫ ޕޯސްޓުންނެވެ. މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ.ފުވައްމުލަކު ޕޯސްޓާއި ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުންނެވެ.
ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 3322607، އެކްސްޓެންޝަން: 3153، 3440 ނަންބަރު ފޯނާ ގުޅުއްވައި، މަޢުލޫމާތު ސާފުކުރުމަށް އެދެއެވެ.