ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާ އެކު، ހެދި ރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރި ކަމަށް އަރައިގަންނަ ސަބަބުތައް ހޯދުމަށް ކުރި ދިރާސާގެ ރިޕޯޓު، "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" މިއަދު އާންމުކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ 28 ރަށަކުން 174 ޒުވާނުންނާ ސުވާލުކޮށް ހެދި ދިރާސާގެ ރިޕޯޓު ފޮތް ނެރެދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
މިދިރާސާގެ ރިޕޯޓުން ދައްކާ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރި ކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުސަތުތައް މަދުވުމެވެ.

ދިރާސާ ރިޕޯޓު އިފްތިތާހުކޮށްދެއްވައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ކަނޑައަޅާ އިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭ ފަރާތްތަކުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަކިކޯ ފުޖީ ވިދާޅުވީ މިރިޕޯޓުން އެންމެ ހިތްހަމަޖެހިވަޑައިގަންނަވަނީ މުސްތަގުބަލާ މެދު ޒުވާނުން ކުރާ އުއްމީދު ބޮޑުކަމުން ކަމަށާއި މިއީ ކަމާ ބެހޭ ފަރާތްތަކަށް ވެސް މުހިއްމު ރިޕޯޓެއްކަމަށެވެ. .
މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނައި އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިންނާއި އަދި ޔޫއެންޑީޕީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.