ދިވެހިރާއްޖޭގެ ޤައުމީ ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްގެ މުޢާމަލާތްތަކާއިމެދު އެބޭންކާއި ގުޅިގެން މަސައްކަތްކުރާ ބޭންކްތަކުންނާއި މާލީ އިދާރާތަކުން ސުވާލު އުފައްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ބީއެމްއެލް އިން ރޭ އިންތިޚާބުކުރި އައު ބޯޑަށް މަރުޙަބާ ވިދާޅުވެ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބީއެމްއެލްއަކީ ދުނިޔެއާއި ރާއްޖޭގެ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. މައްސލަތައް ސިއްރުކޮށް ފޮރުވާތަނަކަށް ހެދުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. ހަމައެއާއިއެކު ބޭންކް އޮފް މޯލްޑިވްސް ވާންޖެހޭނީ ޝައްކުތައް އުފެދި، ތުހުމަތުތައް ކުރެވި ރައްޔިތުން ކަންބޮޑުވެ ސުވާލުތައް އުފެއްދަން ފެށުމުން ޖަވާބުދާރީވާ ތަނަކަށް ނޫން ކަމަށާއި އެއިގެ ކުރިން ކަންކަން ހާމަކުރަމުން ގެންދާ ތަނަކަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ނިޒާމްތަކަށް އެކަމުގެ އަސަރު ކުރާ ކަމަށެވެ. އެހެންކަމުން އެއީ ކަންބޮޑުވާން ޖެހޭ ބޮޑު ޤައުމީ މައްސަލައެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ މިކަންކަމަށް ވިސްނައި ބޭންކުގެ އައު ބޯޑުން ހަރުދަނާ ކަމާއިއެކު ބޭންކް ހިންގަން މަސައްކަތް ފެށުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ.