މާލެއިން ފުރައިގެން ކ.ކަގިއަށް ދަތުރުކުރި "ސަމޯރާ-02" ނަމަކަށް ކިޔާ ދޯނި އެއްފަރާތައް އަރިވެ، ދޯނީގައި ހުރި މުދާތަށް ކަނޑުތެރެއަށް ބޭރުވެފައިވާތީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު 1015 ހާއިރު މާހަލުތެރެއިން ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި މި ތަކެތި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ގުޅިގެންދަނީ ކުރަމުންނެވެ.
މި ހާދިސާގައި ދޯނިން ކަނޑަށް ބޭރުވެފައިވަނީ މައިގަނޑު ގޮތެއް ގައި ލަކުޑި ފިލާ ބަންޑެލިއެވެ. މިތަކެތި ފެންމަތިން އޮޔާ ދާތީވެ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، އަދި ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.
މި ހާދިސާ ހިނގި އިރު ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 3 ބިދޭސީންނެވެ. މިއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.