މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ ގުޅިގެން ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނިީ ބ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 ން މެންދުރު 12:00 އާއި ހަމައަށެވެ.

ޔެލޯ އެލާރޓް ނެރުމުން، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:
· ކަނޑު ދަތުރު ކުރުމުގަ ސަމާލުވުން.
· ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުޢާސަލާތީ ވަސީލަތްތައް ހަމަކުރުން.
· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތްތަކަށް ތައްޔާރުވުން.
· ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ، ގެއިން ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
· ފެންޖެހި ހަލާކުވާނެފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
· އަލަށް އިމާރާތްކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· މޫސުމާއި ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސާމާލުވުން.