ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔެލަންޓް އެކްސްޓްރީމިޒަމް ނިންމައި އަންނަ މަހު އިފްތިތާހު ކުރުމަށް އަމާޒު ހިފައިފިއެވެ.
އެންސީޓީސީ އިން ބުނެފައިވަނީ އަމާޒަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް މިއަދު ފެށިި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ނޭޝަނަލް އެކްޝަން ޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އަންނަ މަހު އެ ޕްލޭން އިފްތިތާހު ކުރުން ކަމަށެވެ.

2018 މެއި ގައި ފެށިގެން ކުރިއަށްދާ މި އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގެންދެވިފައި ވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލެވިގެން، ބޭރުގެ ތަޖުރިބާކާރުންގެ އެހީއާ އެކުގައި ކަމަށާއި ކޮންމެ މަރުހަލާ އެއްވެސް ކުރިއަށް ގެންދެވިފައި ވާނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާ ވެސް މަޝްވަރާކުރެވިގެން ކަމަށް އެންސީޓީސީން ވަނީ ބުނެއެވެ.

މިމަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މީގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާއި އެ ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.