މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ބައެއް އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ރ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:30 ން މެންދުރުފަހު 14:30 އަށެވެ.
ޔެލޯ އެލާޓް ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކަކީ:
· ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިވެހެ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާކުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
. ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
· ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.