ކަނޑުއުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮަފައިވާތިއެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މީގެއިތުރުން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން އެފަދަ ކުޅިވަރުތައް ނުރޭވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.