މޫސުމަށް ސަމާލުކަން ދީގެން ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
މޫސުމަށް ސަމާލުކަން ދީގެން ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި، މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. މިގޮތުން މިއަދުގެ 0930 އިން 1330 އަށް ހއ.އަތޮޅުން ފެށިގެން ނ.އަތޮޅަށް ވަނީ ޔެލޯ އެލާރޓްނެރެފައެވެ. މީގެއިތުރުން މިއަދުގެ 1000 އިންފެށިގެން މިއަދުގެ 1600 އަށް ރ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެފަރާތުން ލަފާކުރެއެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ކަނޑު ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. މިގޮތުން ކަނޑު ދަތުރުކުރައްވާ ނަމަ، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރެއްވުމަށް ދަންނަވަމެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، އުޅަނދުފަހަރުގައި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ.

މީގެއިތުރުން، ރޭގަނޑު ދަތުރުތައް ކުރައްވާނަމަ، އިތުރަށް ސަމާލުވެލެއްވުމަށާއި، ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރަމެވެ.

މިއަދު އޮންލައިން