ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފައިންނާ ބައްދަލުކުރައްވާ ޝުކުރު އަދާކުރައްވައިފިއެވެ.

އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ ސިފައިންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު ރޭގަނޑެއް ދުވާލެއްނެތި ސިފައިން މަސައްކަތްކުރައްވާތަން ވަރަށް ގާތުން އެކަމަނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ، އިތުރަށް ވާހަކަފުޅު ދައްކަވަމުން، ފާއިތުވި މަހުގައި މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއަށް އަލިއަޅުއްވާލައްވައި އެ ހާދިސާގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އައްސަރިބަހާއި ސާބަސް ދެއްވިއެވެ. އަދި މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.