ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤްރީރަކީ ވަރަށް މުހިންމު ތަޤްރީރެކެވެ. އެ ތަޤްރީރުގައި ދީނީ ކަންކަމަށް ދެއްވި ހިތްވަރާއި ޔަޤީންކަން ވަރަށް ބޮޑެވެ. ނަމަވެސް 2 ސުވާލެއް އުފެދުނެވެ.
ފުރަތަމަ ސުވާލަކީ:
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަންމާ ވަރުގަދަ." ކަމަށް ވިދާޅުވިއިރު އެކަން އޮތީ ހަމަ އެގޮތަށްތޯއެވެ؟
އަޅުގަނޑުގެ ހިތުގައި މިސުވާލު އުފެދުނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގައި ހުރި މައްސަލަތައް ދީނީ ޢިލްމުވެރިން ހާމަކުރައްވަން ފެށްޓެވުމުން އެކަމުގެ ޚަބަރުތައް މިއަދުނޫހުގައި ޝާއިޢުކުރަން ފެށުމުން އެކަމަށް ދެކޮޅުހަދައި ފައުޅުގައި ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ބުނެ 17 މީހަކު އަޅުގަނޑާއި ޖަދަލުކޮށްފައިވާތީއެވެ. އަދި އެމީހުން ފައުޅުގައި ކީރިތި ޤުރްއާން ޤަބޫލު ނުކުރާ ކަމަށާއި ރަސޫލް (ޞޢވ) އަކީ "މީގެ 1400 އަހަރުކުރިން ދުނިޔޭގައި އުޅުނު ލިޔަން ކިޔަން ނުދަންނަ ޖާހިލެއް- (އަޢޫޛްބިﷲ.)" ކަމަށްވެސް ބުނެފައިވާތީއެވެ. ރޯދަ މަހު ދުވާލު ފައުޅުގައި ކެވެން ޖެހޭނެ ކަމަށާއި ޒިނޭ ކުރެވެން ޖެހޭނެ ކަމަށް ބުނެފައިވާތީއެވެ.
އެމީހުން ޓްވީޓްކުރީ އަޅުގަނޑަށް އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާގައި ޢާންމުކޮށެވެ.
ފައުޅުގައި 17 މީހުން އަޅުގަނޑާއި ޖަދަލުކުރިއިރު އަޅުގަނޑާ ޖަދަލު ނުކުރާ ގިނަ ބައަކު ތިބޭނެކަން އެއީ ވެސް ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ. އަޅުގަނޑު މިދެންނެވި ވާހަކަތައް އިތުރަށް ޔަޤީންކުރައްވަން ބޭނުންފުޅުނަމަ ބައެއް ތްރެޑްތައް ފޮލޯ ކުރެއްވި މަނިކުފާނަށް އިތުބާރުކުރެއްވޭނެ ބައެއް ބޭފުޅުންގެ ނަންފުޅުތައްވެސް ދެންނެވިދާނެއެވެ.
ދީނީ ޢިލްމުވެރިންގެ ޕްރެސްއެއް ބާއްވާކަން އެދުވަހު ނޫސްތަކުން ހާމަކުރުމުން "ކީރިތި ޤުރްއާނަށް އިތުރު ސޫރަތެއް ބާވައިލެއްވެވީތޯ؟ އާޔަތެއް އިތުރުވީތޯ؟" ސުވާލުކުރީ ހަމަ މި ފުރަ މާލޭގައި ހުރި މީހެކެވެ. ސަރުކާރުގެ ވަރުގަދަ ސަޕޯޓަރެކެވެ. ބައިވެރިއެކެވެ.
އަބަދުވެސް ރާއްޖޭގެ ވެރިން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް އެ ވިދާޅުވީ ބަސްފުޅަކީ އެއްވެސް ޙަޤީޤަތެއް ނޫންކަން މިއަދު ސާބިތުވެފައިވާ އެންމެ ބޮޑު އެއް ހެއްކަކީ އެމްޑީއެން އިން ރިޕޯޓެއްގެ ނަމުގައި ދިވެހި މުސްލިމުން މަގުފުރައްދަން ނެރުނު ޝައިޠާނީ ކަރުދާސްތައް ކަމުގައި މަނިކުފާނު ޤަބޫލުފުލު ނުކުރައްވަވަންތޯއެވެ؟
މަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ޙައްޤު ވާހަކަތައްވެސް ހުއްޓެވެ. ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ސުވާލުތައް ވެސް ސިޔާސީ ލީޑަރުންނަށް ވަނީ ކުރިމަތި ކުރައްވަވައިފައެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރި މީހުން ދިން ފުރުޞަތުތަކުން ކުރިމަތިވެފައިވާ މައްސަލަތަކަށް ވިސްނަވައި ޤައުމު މިހާލަތުން ސަލާމަތް ކުރެއްވުމުގެ މަސްއޫލިއްޔަތު މާތް ﷲ މިއަދު ޙަވާލުކުރައްވަވާފައިވަނީ މަނިކުފާނާއިއެވެ. ވިސްނުންފުޅު ކުރިއަށް ނެރުއްވަވައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަވައި ދެއްވަވާށެވެ.
އެކްނަ ކުރެއްވެވޭނީ " ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަންމާ ވަރުގަދަ." ނޫން ކަމަށް ޤަބޫލުފުޅު ކުރައްވައިގެންނެވެ. އެކަންކަމުގެ ނޭދެވޭ އަސަރު މުޖުތަމައުއަށް ވަރަށް ބޮޑަށް ކޮށްފައިވާކަންވެސް ޤަބޫލުފުޅު ކުރައްވައިގެންނެވެ.