ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ލަފާދޭނެ އޮޑިޓް ފާމްތަކެއް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ އިއުލާން ކޮށްފިއެވެ.
މި އިއުލާނުގައި ބުބެފައިވަނީ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، ތިން އޮޑިޓް ފާމެއް އައްޔަންކުރުމަށް ބޭނުންވާ ކަމަށާއި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އޮޑިޓް ފާމްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެ މަސައްކަތާއި ބެހޭ މައުލޫމާތު ސެޝަން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުގެ މެންދުރު 13:00 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ވިދާޅުވެފައި ވަނީ މިހާތަނަށް ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ބަދަލުގެ ގޮތުގައި ދައުލަތުން ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށެވެ.