"އަންނަ އަހަރުގެ ޤައުމީ ދުވަސް އަންނަންވާއިރަށް ދިވެހި ރައްޔިތުންނަކީ 100% ޞައްހަ ދިވެހި ރައްޔިތުން ކަމުގަ ހަދާނަން!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
"އަންނަ އަހަރުގެ ޤައުމީ ދުވަސް އަންނަންވާއިރަށް ދިވެހި ރައްޔިތުންނަކީ 100% ޞައްހަ ދިވެހި ރައްޔިތުން ކަމުގަ ހަދާނަން!"

ޤައުމީ ދުވަހާއި ގުޅިގެން ތަފާތު ޝުޢޫރުތަކާ ޝިޢާރުތައް އެކި ބޭފުޅުން ފައުޅުކުރައްވަމުން އެބަގެންދަވައެވެ. އެހެންކަމުން އަޅުގަނޑުގެ ހިތަށް އެރި ޝިޢާރުވެސް ހާމަކޮށްލީއެވެ. "އަންނަ އަހަރުގެ ޤައުމީ ދުވަސް އަންނަންވާއިރަށް ދިވެހި ރައްޔިތުންނަކީ 100% ޞައްހަ ދިވެހި ރައްޔިތުން ކަމުގަ ހަދާނަން!" 

ޞައްޙަ ދިވެހި ރައްޔިތަކަށް ވެވޭނެ ގޮތް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އެހެންކަމުން ﷲ ތަޢާލާ ޤަބޫލުކުރާ މުސްލިމަކަށް ވެގެން ނޫނީ ޞައްހަ ދިވެހި ރައްޔިތަކަށް ވެވޭނެ ގޮތް އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ.  

ވީމާ ޤާނޫނުއަސާސިގައި ބުނާ ދިވެހި ރައްޔިތެއްގެ ޝަރުޠު އަމިއްލައަށް ދޫކޮށްލައިގެން ތިބި މީހުންނަށް ވިސްނައިދީގެން އެމީހުން އިޞްލާޙްކުރުމުގެ މުހިންމުކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަން ކުރުމުގެ ޤާބިލުކަން ދިވެހިދައުލަތުގައި އެބަހުރިކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެކަމަށް އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކަށް ދައުލަތުގެ ދެންހުރި މުއައްސަސާތަކުގެ އެއްބާރުލުން ލިބިއްޖެ ނަމަ އެއީ ހަމަ ވަރަށް ފަސޭހައިން ކުރެވިދާނެކަމެއްކަމާއި އަދި ސަރުކާރުން ކުރަން ބޭނުންވާ ވެސް ކަމެއްކަން މިހާރު މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!  

ދެން އޮތީ ރާއްޖެއިން ބޭރުގައި ތިބި އެފަދަ ކުދިންކޮޅުގެ ވާހަކައެވެ. އެކުދިން ގޮތް ދޫނުކުރާނަމަ، ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާފަދަ ދިވެހި ރައްޔިތަކަށް ވާން ބޭނުން ނޫން ނަމަ ދިވެހި ޕާސްޕޯޓް ކެންސަލްކޮށްލުމުން އެކަމުން ވެސް ސަލާމަތްވެވުނީ އެވެ. ޞައްޙަ ދިވެހި ރައްޔިތުންގެ ދަފްތަރު ފުރިހަމަވީއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ރޭ ވެސް ވިދާޅުވީ ޤާނޫނުން ލިބޭ މިނިވަންކަން އެކިމީހުން އެކިގޮތަށް ބޭނުންކުރާ ކަމަށެވެ. އެހެންވީމާ އެއީ ހުއްޓުވަންޖެހޭ ކަމެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައި ލިބިދީފައި ނުވާ ޙައްޤެއް ބޭނުންވާ މީހުންނަށް އެ ޙައްޤު ދިނުމަކީ ޤާނޫނީ ގޮތުންވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ވަކާލާތު ކުރުމުގެ ބޭނުމެއް ވެސް އޮތް ކަމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި މައިނޯރިޓީ ކިޔާ ބައަކު ނެތެވެ. ތިބީ ދިވެހިރައްޔިތުންނެވެ. ޤާނޫނަށް ބޯލަނބާ ކޮންމެ ދިވެހި ރައްޔިތަކީވެސް މެޖޯރިޓީގައި ހިމެނޭ ރައްޔިތެކެވެ.  

ވީމާ ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. " މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން-." ރައީސް ދެއްވެވި މިޔަޤީންކަން ތަންފީޒުކުރުމުގައި ހުރިހާ ރައްޔިތުން އެމަނިކުފާނަށް އެހީތެރިވެދިނުމެވެ. ކަމާއި ބެހޭ މުއައްސަސާތަކުން އެކަމަށް މަސައްކަތްކޮށްދިނުމެވެ.  

 

މިއަދު އޮންލައިން