އޮނަރަބަލް ޢުމަރު ޒާހިރުގެ އޮނަރަބަލްކަން މެކްހަށް! - ސާބިތު ކަމުގަ ހުންނެވީތީ އައްސަރިބަހާ ސާބަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އޮނަރަބަލް ޢުމަރު ޒާހިރުގެ އޮނަރަބަލްކަން މެކްހަށް! - ސާބިތު ކަމުގަ ހުންނެވީތީ އައްސަރިބަހާ ސާބަސް!

ދިގު މުއްދަތެއްގައި ދައުލަތުގެ ވަޒީރުކަމާއި އެހެންވެސް ތަފާތު މަޤާމުތައް އަދާކުރައްވާފައިވާ އޮނަރަބަލް ޢުމަރު ޒާހިރުގެ ވާހަކަ އަޑު އިވުމުން އެއިރުގެ މީހުން ހަނދާނަށް އަންނާނެ ފުރަތަމަ ކަމަކީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކުރައްވަން ކުރެއްވެވި މަސައްކަތްޕުޅުތަކެވެ. ނަމާދަށް އަރާ ކުދިން މިސްކިތް ކައިރީ ފާރައަށް ހުންނެވިކަމެވެ. 

މާލޭގެ މަގުތައް ނުހަދާއިރު ބަންޑާރަ މިސްކިތްކައިރީ މުނިސިޕަލިޓީން ކުރި މަސައްކަތެއް ބައްލަވާލައްވަން ވަޑައިގަތީ ފެންބޮޑުވެފައި އޮއްވައި ބައިސްކަލްކޮޅުގައެވެ. ކައިރިވެލާފައި މިއަދުވެސް ހަމަ އުޅުއްވަނީ ބައިސްކަލްކޮޅުގަތޯ ސުވާލުކުރުމުން ދެއްވި ޖަވާބު މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާނެ އެބަހުއްޓެވެ. "އާދަމްބެގެ ދަރިފުޅާއެވެ. ކާރު އަތުލާނެ ދުވަސް އަންނާނެއެވެ. އެދުވަހުން ބައިސްކަލުގަ ނުކުތީމާ ތިކުދިން މާ ބޮޑަށް މަލާމާތްކުރާނެތީ އެ ފުރުޞަތު ދޭކަށް ބޭނުމެއް ނޫނެވެ! މިބައިސްކަލް އަތެއް ނުލެވޭނެއެވެ!" 

މިޒަމާނުގެ މީހުން އެންމެ ބޮޑަށް ހަނދާނަށް އަންނާނީ ސަރުކާރުން ބާއްވާ ކޮން ރަސްމިއްޔާތަކުން ފެންނަކަމެވެ. ބަލިޙާލުކޮޅާއިއެކުވެސް ވަޑައިގެން އިންނަވާ ކަމެވެ. ނަމަވެސް ރެއަކީ މުޅިން ތަފާތު ރެއެވެ. 

އަޚް ޙަމީދުގެ އިޒުނައާއިއެކު މި ނަކަލުކޮށްލަނީ އޮންލައިން ނޫސް އަވަސްގައި ރޭ ޝާއިޢުކޮށްފައިވާ ލިޔުމެކެވެ!  

"އަވަސްއާ ވާހަކަފުޅު ދައްކަވަމުން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގެ ދައުވަތު ލިބިވަޑައިގެންފައިވީ ނަމަވެސް އެ ޖަލްސާއަށް ވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ ކުރިން މިފަދަ ހުރިހާ ރަސްމިއްޔާތުތަކަކަށްވެސް ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާއި ގުޅިގެން ބާއްވަވާ ރަސްމީ ޖަލްސާ "ބޮއިކޮޓް" ކުރައްވަން ނިންމެވީ އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާތީ އެވެ." 

އެމްޑީއެންގެ މައްސަލައަކީ ދީނީ ބޮޑު މައްސަލައެއް. އެފަދަ މައްސަލައަކަށް ސަރުކާރުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ. ނަމަވެސް އަޅުގަނޑަށް މި ފެންނަނީ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ފެއިލްވެފައިވާ މަންޒަރު. އެހެންވީމަ މިރޭގެ ޖަލްސާ މި 'ބޮއިކޮޓް' ކުރަނީ." އުމަރު ޒާހިރު ވިދާޅުވިއެވެ. 

ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ޚިދުމަތްތެރި ވަޒީރުގެ ގޮތުގައި ފާހަގަކުރެވިފައިވާ އުމަރު ޒާހިރަކީ މި ސަރުކާރު ގެނައުމަށް ތާއީދުކޮށް ކެންޕެއިންގައިވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އުމަރު ގެންދަވަނީ ސަރުކާރުން ބާއްވަވާ ހުރިހާ ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މިފަދަ ޖަލްސާއެއް އުމަރު ޒާހިރު "ބޮއިކޮޓް" ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ." 

ޢުމަރު ޒާހިރުގެ މި ބަސްފުޅާއި މި ނިންމެވުމާއިއެކު ގިނަ ބައަކު ގެންދަނީ އެމަނިކުފާނަށް ތަޢްރީފްކުރަމުންނެވެ. ގިނަ ބައަކު ބުނެފައިވަނީ ޢުމަރު ޒާހިރަށް މިއަހަރުގެ ޤައުމީ ދުވަހުގެ އެންމެ މަތީ ޝަރަފާއި އެވޯޑް ޙައްޤުވެއްޖެކަމަށެވެ. އެއީ ސަރުކާރުން ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ރެކޯޑް އޮތް މަނިކުފާނު ފަދަ އިސް، އިއްޒަތްތެރި ރައްވެއްސަކު އިސްލާމް ދީނުގެ ޙައްޤުގައި ނިންމެވި ނިންމެވުމުގެ މަތިވެރިކަމުންނެވެ.  

އޮނަރަބަލް ޢުމަރު ޒާހިރުއެވެ! މަނިކުފާނުގެ ތިއަ ނިންމެވުން ދިވެހިތާރީޚުގައި ރަން އަކުރުން ފަވައިލެވޭނެއެވެ. ދިވެހި ޤައުމު ދެމިއޮތްހައި ދުވަހަކު މަނިކުފާނުގެ ތިއަ ނިންމެވުމުގެ ހަރުދަނާކަމުގެ ވާހަކަ ދައްކާނެއެވެ! މަނިކުފާނަށް ހެޔޮ ރަޙްމަތްފުޅު މިންވަރު ކުރެއްވެވުން އެދި ދުޢާކުރަމެވެ.

 

މިއަދު އޮންލައިން