ބިޑްކޮމިޓީން ނުނިންމަނީސް ލޮނުޒިޔާރަތްކޮޅު އަޑިޕާކު ސަރަހައްދުގައި އިމާރާތްތަކެއް ކުރުމުގެ މަސައްކަތްފެށި މައްސަލައިގެ ލިޔެ ކިޔުންތައް ބަލަން އޭސީސީ އިން މާލެސިޓީ ކައުންސިލަށް ވަދެއްޖެ އެވެ.
އޭސީސީ އިން ބަލަމުން ގެންދަނީ އެ ކަމާއި ގުޅުން ހުރި ލިޔެ ކިޔުންތަކެއް ސިޓީ ކައުންސިލުން ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއްގެ ލިޔެކިޔުންތައް ހޯދުމަށެވެ. އެ ލިޔުންތަކަށް ބަދަލު ގެންނަން މޭޔަރ ޝުފާ މުޙައްމަދު މަސައްކަތްކުރައްވާ ކަމަށް 3 ކައުންސިލަރަކު ވަނީ ތުހުމަތު ކުރައްވައިފައެވެ.
ޝިފާ ވިދާޅުވީ 3 ކައުންސިލަރުން މަސައްކަތްކުރަނީ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ހުރަސް އަޅަން ކަމަށެވެ.
ސިޓީ ކައުންސިލުން ބިޑަށް ހުޅުވައިލި މަޝްރޫޢުގައި ގާޑް ބްރިޖަކާއި ފާހާނާ ބަރިއެއްގެ އިތުރުން އެންޓްރެންސް ކެނޮޕީ އަކާއި ލައިފް ގާޑް ޓަވަރެއް އެޅުން ހިމެނޭއިރު ބިޑަށް ހުޅުވައިލިއިރު ވެސް މަސައްކަތް ފަށައި ބިންގާ އަޅާފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފައެވެ.
ބަޖެޓްވެސް އަދި ހަމަޖެހިފައި ނުވާ މި މަޝްރޫއުގެ މަސައްކަތް ބިޑްކޮމިޓީން ނުނިންމަނީސް ކުރަމުން ގެންދާތީ ކަންކަން މިހިނގަނީ ކޮންގޮތަކަށްކަން ނުއެނގޭ ކަމަށް ބައެއް ކައުންސިލަރުން ދަނީ ބުނަމުންނެވެ.