ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކުރުމަށާއި އެކި ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މިޕްރޮގްރާމްގައި، ރަށުގައި ހިނގާ ކުށްތައް ހުއްޓުވުމާއި އެފަދަ ކަންކަން ކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލި ކޮށް މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ހިންގިދާނެ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވާފައިވެއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން، އެކި އުމުރު ފުރާގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމު ކުރުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ.