އުފެދިފައިވާ ކޮޅިގަނޑު މިހާރުވަނީ "ޑިޕްރެޝަނަކަށް" ބަދަލުވެފަ: މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 53ސ
އުފެދިފައިވާ ކޮޅިގަނޑު މިހާރުވަނީ "ޑިޕްރެޝަނަކަށް" ބަދަލުވެފަ: މެޓް އޮފީސް

ރާއްޖޭގެ އުތުރު ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ މިހާރު ވަނީ އިތުރަށް ބާރުގަދަވެ "ޑިޕްރެޝަނަކަށް" (ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެފައި ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާރު އެކޮޅިގަނޑު ހުރީ ހއ. ތުރާކުނުގެ އިރުން 370 ކިލޯމީޓަރު ދުރުގައެވެ. އެހެން ނަމަވެސް މިކޮޅިގަނޑާއި ގުޅިފައިވާ ބޯވިއްސާރަ ވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގު އުތުރަށް ދަތުރުކޮށް ރާއްޖެއާއި ދުރަށް ދަތުރު ކުރަމުންދިޔަ ނަމަވެސް، އެއާއެކު ކުރިއަށް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ބޯކޮށް ވާރޭވެހި، ވައި ގަދަވެ، ކަނޑުވެސް ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށާއި އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އެދިފައިވެއެވެ.

 

މިއަދު އޮންލައިން