2015 ވަނަ އަހަރުގެ ޖެނުއަރީ މަހު، ވ. ރަކީދޫގައި އަނިޔާކޮށް މަރާލި އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިހާލް، ހޮސްޕިޓަލަށް ގެންދިޔައިރު އެނާގެ ހަށިގަނޑުގައި ގިނަ ދުވަސްވީ ލަކުނުތަކެއް ވެސް ފެންނަން ހުރި ކަމަށް، އިބްތިހާލްގެ ހަށިގަނޑު ބެލި ފުލުހަކު މިއަދު ކޯޓުގައި ހެކިބަސް ދީފިއެވެ.
އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާއި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އިބްތިހާލްގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި އޮތްއިރު އެތަނަށް ގޮސް އިބްތިހާލްގެ ހަށިގަނޑު ބެލުމަށް ފަހު ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ތައްޔާރުކުރި ފުލުހެކެވެ.
އެފުލުސް މީހާ ބުނީ އިބްތިހާލްގެ ހަށިގަނޑު ބެލިއިރު ދުވަސްވެފައި ހުރި ލަކުނުތަކާއި އަނިޔާ ލިބުނުތާ ގިނަ ވަގުތުތަކެއް ފާއިތުވެފައި ނުވާ އަނިޔާތަކެއް ވެސް ފެންނަން ހުރި ކަމަށެވެ. އެގޮތުން ކުރިމަތި ފަރާތާއި ކަންފަތުގެ އިތުރުން ކަރުގައި ހުރި އަނިޔާތައް ލިބުނުތާ ގިނަ ވަގުތުތަކެއް ނުވާނެ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
ސުވާލު ކުރުމަށް އާފިޔާއަށް ފުރުސަތު ދިނުމުން އޭނާ ބުނީ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.
މި ދެ ދައުވާއަށް ވެސް މީގެ ކުރިން އާފިޔާ ވަނީ އެއްބަސްވެފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުލަތުން ބުނި ގޮތުގައި އެ މައްސަލާގައި ދެން ހުށަހަޅާފައި ހުރި ހެކިން ތިބީ ރަށުގަ އެވެ. އެކަމަކު މާލީ ހާލަތު ހުރި ގޮތުން މާލެ އާދެވެން ނެތް ކަމަށް އެ ހެކިން ބުނެފައިވާ ކަމަށް ބުނެ، އެކަން ދައުލަތުން ކޯޓުގެ ސަމާލުކަމަށް ގެނަ އެވެ. އެހެންވެ، ކައިރި ރަށެއްގެ ކޯޓަކަށް އެ މީހުން ހާޒިރުކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގައިދޭން ދައުލަތުން އެދުނެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ ސަރަހައްދުގެ ކޮން ކޯޓެއްގައިތޯ ބަލާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ދެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިތުރު އަޑުއެހުމެއް އަންނަ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށާއި އެދުވަހު ވެސް ހެކިބަސް ނެގޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.