ބޮޑު ޖަމާއަތުގަ ދުޢާކުރަން ފެށީމަ ފުލުހުން ފޮނުއްވުމުގެ ބަދަލުގަ މިހާރުވެސް ސޮއިކޮށްފަ އޮތް އެމްޑީއެން އުވާލުމުގެ އަމުރު ބޭރުކޮށްލިއަ ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބޮޑު ޖަމާއަތުގަ ދުޢާކުރަން ފެށީމަ ފުލުހުން ފޮނުއްވުމުގެ ބަދަލުގަ މިހާރުވެސް ސޮއިކޮށްފަ އޮތް އެމްޑީއެން އުވާލުމުގެ އަމުރު ބޭރުކޮށްލިއަ ދެއްވާ!

މިއީ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއިއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާ އާދޭހެވެ. ބޮޑު ޖަމާއަތުގައި ދުޢާކުރަން ފެށުމުން ބަދުދުޢާ ކުރުމުގެ އިލްޒާމް އަޅުވައި އެކަން ހުއްޓުވަން ފުލުހުން ފޮނުއްވުމުގެ ބަދަލުގައި އެމްޑީއެން އުވާލުމުގެ އަމުރު ޔޫތް މިނިސްޓްރީން ބޭރުކޮށްލިއަ ދެއްވާށެވެ!

ޢިއްޒަތްތެރި ރައީސްއެވެ! ޢުމުރުން 60 އަހަރުން މަތިވީއެވެ. ރޭގަނޑުގެ އެގަޑީގައި އަޅުގަނޑަށް ފެނުނު އެއްވެސް ހުވަފެނެއް ދޮގުވެފައެއް ނުވެއެވެ. މިދިއަ ހޯމަ ވިލޭރޭ އަޅުގަނޑަށް ހުވަފެނުން ފެނުނެވެ. އެމްޑީއެން އުވާލުމުގެ އުމުރުގައި ޔޫތް މިނިސްޓަރު ސޮއިކުރައްވައި މިނިސްޓަރުގެ މޭޒުކޮޅުމަތީގައި ބާއްވާފައި އޮއްވައެވެ. މަނިކުފާނު މިވަގުތު ހުއްދަ ދެއްވި ނަމަވެސް ފަޅި ސިކުންތެއްގެ ތެރޭގައި ނެރެލެވޭ ގޮތަށް ތައްޔާރަށް އަމުރު އޮއްވައެވެ.

އަދި ވަޒީރުގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީއެން މައްސަލައިގައި ބަހުސްކުރާތަންވެސް ހުވަފެނުގައި ފެނުނެވެ. އެމްޑީއެން އިން އެ ބޮޑު ޖަރީމާ ހިންގުމުންވެސް އެމްޑީއެން އުވާލަން ސީދާ ގަޓުގައި ބަސްފުޅު ވިދާޅުވާން ކެރިވަޑައިގަތީ ހަމަ އެންމެ އަންހެން ވަޒީރަކު ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމުލަ 4 ވަޒީރުންނަށެވެ.

އެ 4 ވަޒީރުންނަށް ދަންނަވައިލަން އޮތީ އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިއައިން އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ ކިބައިން ކަމަކަށް އެދިވަޑައިގެންފިނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ފުއްދައިދޭނަމެވެ. އަދި ތިއަބޭފުޅުންނަށްޓަކައި ހެޔޮ ދުޢާކުރުންމަތީގައި ދެމިތިބޭނަމުއެވެ.

އިއްޒަތްތެރި ރައީސް އެވެ! ރާއްޖޭގައި ތިބި ޞައްޙަ ހުރިހާ ރައްޔިތުން މިމޭރުމުން ތަކުރާރުކޮށް ކުރަމުން ގެންދާ އާދޭހުގެ އަޑު ނުއައްސަވައި ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތު ގެއްލިފައިވާ މަދުބައަކަށް ދެއްވާ ސަމާލުކަން އިތުރުކުރައްވަވަނީތޯއެވެ! އެމްޑީއެން އިން ނެރުނު ރިޕޯޓް ތަޙްޤީޤްކުރަން ޖެހެންވީ ސަބަބެއްވެސް ނެތެއް ނޫންތޯއެވެ؟ އިނގިރޭސި ބަސް ދަންނަ، އަދި ކީރިތި ޤުރްއާން ޤަބޫލުކުރާ، ނަމާދު ފަރުޟު ކުރެވެވިކަން ޤަބޫލުކުރާ ކޮންމެ މީހަކަށް އެ ރިޕޯތުގައި ހުރި މައްސަލަތައް ވަގުތުން ފެންނާނެއެވެ. އެވަރުގެ ކަމެއްގެ ތަޙްޤީޤް ނިންމަން މިހައި ގިނަ ދުވަސް ނެގުމުން އެކަން އަޅެ ޚުދު މަނިކުފާނަށް އަރަތަކަށް ނުވޭތޯއެވެ! ނިކަން ތެދުވެރިކަމާއިއެކު ވިދާޅުވެބައްލަވާށެވެ!

--މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ދެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

މިއަދު އޮންލައިން