ށ. ޅައިމަގުގައި ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝް މީހެއް ކަމަށްވާ ލުތުފަރު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކޮށްފިއެވެ.
މިމައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށެވެ.
މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ ލުތުފަރު ވަނީ މަރާލާފައިކަމަަށް ފުލުހުން ފަހުން ވަނީ ހާމަކޮށްފައެވެ. ލުތުފަރުގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ، "ކުރިމަގު" ބޯޓުގައި އޭނާއާއެކު މަސައްކަތް ކުރަމުން ދިޔަ ބަންގްކަދޭޝްގެ ތިން ރައްޔިތެއް ކަމަށްވާ އަލާމީން، ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސެއިން ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އެއިރު ބެއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް ހަސަން ޝިފާއު ވިދާޅުވީ، ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު މައްޗަށް ވައްޓާލާ ނޭވާ ހާސް ކޮށްލައިގެން ކަމަށާއި އޭނާ މަރާލާފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ، އޭނާއާއެކު މަަސައްކަތް ކުރަމުންދިޔަ ބިދޭސީންނާއެކު އެފަދަ ޢަމަލެއް ހިންގަން އުޅުމުން ކަމަށް ހައްޔަރު ކުރި ބިދޭސީން ބުނެފައިވާ ކަމަށެވެ. ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލައިގައި ދައުވާ ކުރި ތިން މީހުން މީގެ ކުރިންވަނީ ކުށަށް އިއުތިރާފުވެ، ޕީޖީއާއެކު ޖިނާއި އިޖުރާއަތުގެ ޤާނޫނުގައި ބުނާފަދަ ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ.
ނަމަވެސް މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އެންމެ ފުރަތަނަ އަޑުއެހުމުގައި އެތިން މީހުން ވެސް ބުނެފައިވަނީ، އެމީހުން ކުށަށް އިއުތިރާފުވީ ފުލުހުން އެމީހުންނަށް އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. އަދި އެމީހުން ވަނީ އެދައުވާއަށް އިންކާރުވެސް ކޮށްފައެވެ.
އެހެންކަމުން ޕީޖީންވަނީ ލުތުފަރު މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހެ ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.