ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނޮވެމްބަރު 3 ނަޞްރުގެ ދުވަހަކަށްވީ މާތް ﷲ ދެއްވެވި ނަޞްރުގެ މަތިވެރިކަމުންކަން އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.
ނިކަން ވިސްންވައިލައްވަ ބައްލަވާށެވެ. ބަނޑޭރިކޮށި ސަރަހައްދުގައި ފުރެންދެން ޕާކުކޮށްފައި ހުރި ސައިކަލްތަކަށެވެ. އިސްލާމީ މަރުކަޒު ކަންމަތިން ފެށިގެން މެދުޒިޔާރަތްމަގާއި ހުކުރުމިސްކިތުގޯޅި ފުރެންދެން ސައިކަލްތައް ޕާކުކޮށްފައި ހުރީ ހަމަ ޕެޓްރޯލާއިވެސް އެކުގައެވެ. ވަށައިގެން ބޮޑެތި ބަޑިތަކުންނާއި ރައިފަލްތަކުން ވަޒަން ފޮނުވަމުން ގެންދިއައިރު ވަޒަން އަރާފައި ވަނީ އެންމެ 6 ވަރަކަށް ސައިކަލަށެވެ. އެއިން ސަކަލެއްވެސް ގޮވާފައެއް ނުވެއެވެ. އަލިފާން ރޮވެފައެއް ނުވެއެވެ.
އެއިގެ އިތުރުން ބަނޑާރަކޮށި ތެރޭގައި އެތައް ސަތޭކަ ސައިކަލެއް ޕާކްކޮށްފައި ހުއްޓެވެ. ބަނޑޭރި ކޮށި ތެރެއަށް އޮއްސަމުން ދިއަ ވަޒަންތަކުން އެއިން ސަކަލެއްގައިވެސް ހުޅުހިފާފައެއް ނުވެއެވެ.
ހަމަ އެކަނި މިސައިކަލްތަކުގައި ހުޅުހިފިނަމަވެސް ނިއްވައިލަން ކުރެވޭނެ އެއްވެސް ކަމެއް އެދުވަހު ނެތްކަން ޤަބޫލުކުރަން ޖެހެއެވެ.
ދެވަނަކަމެއްގެ ގޮތުން ބަނޑޭރިކޮށީގެ ފާރު ފޫއަޅުވާލަން އާރުޕީޖީތަކުން ދިން ހަމަލާތަކުން ކުރެވުނު ކަމަކީ ހަމައެކަނި ފާރުގައި ލޯވަޅެއް އަޅުވައިލުމެވެ. އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. ޕިން ނައްތާފައި އެއްލި ގްރެނޭޑް ވެސް އޮތީ ނުގޮވައެވެ. ގްރެނޭޑްގެ ޒާތަށް ބަލައިފިނަމަ އެއީ ވުން އިންތިހާއަށް ދުރު ގޮތެކެވެ.
ގްރެނޭދް އެއްލުމުން "ހުދުމީހާ" ހިފުމާއި ނުހިފުމުގެ ބަހުސް ދޫކޮށްލާށެވެ. ޣައިބް ނުއެނގޭތީއެވެ. ނަމަވެސް އެނގި ޔަޤީންވަނީ ޕިން ނައްޓާފައި އެއްލުމުން ވެސް ނުގޮވައި އޮތްގޮތަށް އޮތް ކަމެވެ.
ނޮވެމްބަރު 3 ގައި ހިނގައިދިއަ މިކަންކަމަށް އެކަނި ބަލައިލި ނަމަވެސް އެދުވަހު ﷲ ތަޢާލާ ދިވެހިންނަށް މިންވަރު ކުރެއްވެވި ނަޞްރު އެނގިގެންދާނެއެވެ. ކަންކަން ރަނގަޅު ގޮތުގައި އެނގި ޤަބޫލުކުރެވޭނީ ބުއްދީގެ ބޭނުންކޮށްގެން ކަންކަމަށް ވިސްނީމައެވެ.