ނިޔާވި ފާތުމާފުޅުގެ ވާހަކަ: ލިބުނު ބާރަ ދަރިން ނިޔާވުމުން ވެސް ހިތްވަރުގަދަ ކުރި!

ކިޔުމަށް ހޭދަވާނީ 1މ 46ސ
ނިޔާވި ފާތުމާފުޅުގެ ވާހަކަ: ލިބުނު ބާރަ ދަރިން ނިޔާވުމުން ވެސް ހިތްވަރުގަދަ ކުރި!

ސޯޝަލް މީޑިއާގައި ދުވަސްކޮޅު ކޮޅުން ފެތުރެމުންދިޔަ ފޮޓޯއެކެވެ. އޭގައި ފެންނަނީ ލިބާހެއް ލައިގެން އުމުރުން ދުވަސްވީ އަންހެނަކު އިށީންދެގެން އިން މަންޒަރެވެ. ފޮޓޯގެ ތަފްސީލަކަށް ލިޔެފައިވަނީ، އޭނާއަށް 13 ދަރިން ލިބުން ކަމަށާއި އެހުރިހާ ކުދިން ވެސް ނިޔާވީ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހަގު ދަރިފުޅު ނިޔާވީ އުމުރުން 13 އަހަރުގައި ކަމަށް ވެސް ލިޔެފައި އޮތެވެ.

މިދައްކަނީ ހއ. ހޯރަފުށްޓަށް އުފަން ފާތުމާފުޅު (79އ.) ގެ ވާހަކައެވެ. ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފާތުމާފުޅާއި އޭނާގެ ފިރިމީހާ ދޮންކޮއްކޮ (85އ.) އަށް ލިބުނީ 13 ދަރިންނެއް ނޫނެވެ. އެދެމަފިރިންނަށް ލިބުނީ 12 ދަރިންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރީ އެންމެ ހަގު ދަރިފުޅު ކަމަށާއި އެދަރިފުޅުވެސް ނިޔާވީ އެހެން ކުދިންހެން ގޮތް ނޭނގޭ ބައްޔެއްގައި ކަމަށް ވެސް އެމީހާ މައުލޫމާތު ދިނެވެ. މުޙައްމަދު ފާއިޒް ނަމަކަށް ކިޔާ އެކުއްޖާ ނިޔާވި ފަހުން މިހާރު ސާޅީސް ވަރަކަށް އަހަރު ވެދާނެއެވެ.

ފާތުމާފުޅު އިއްޔެގެ ވަގުތެއްގައިވަނީ މިފަނާވަނިވި ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. މުސްކުޅިބަލީގައި އޭނާ މިދުނިޔެއިން ވަކިވެގެން ދިޔައީ، ނުހަނު ހިތްވަރުގަދަކުރުމަށް ފަހުގައެވެ.

އެނގިފައިވާ ގޮތުގައި މުސްކުޅި ބަލީގެ ސަބަބުން މިފަހަކަށް އައިސް ވަރަށް ގިނައިން ފާތުމާފުޅު ހޮސްޕިޓަލުގައި އެޑްމިޓު ކުރިއެވެ. އެހާލުގައި އުޅުންތާ ހައެއްކަ މަސް ވެދާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.

ފާތުމާފުޅު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެންމެ އުންމީދު ކުރި ދުވަހަކީ އެދެމަފިރިންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ދުވަހަކަށެވެ. ނިޔާވުމުގެ ކުރިން ފާތުމާފުޅު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކޮށްފައެވެ. އަދި އޭނާއާއެކު ފިރިމީހާ ދޮންކޮއްކޮ ވެސް ދިޔައެވެ.

ފާތުމާފުޅާއި ދޮންކޮއްކޮ އަކީ ލޯބިން އުޅޭ ދެމަފިންނަށް ރީތި މިސާލެކެވެ. އެދެމަފިރިން އަބަދުވެސް އެކަކު އަނެކަކަށް އަޅާލާ ކަމަށާއި އަބަދުވެސް ތިބެނީ ހިނިތުންވެފައި ކަމަށް ވެސް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މާތް ﷲ އެމަރްހޫމާގެ ފުރާނައަށް ބަރަކާތްލައްވާ ހެޔޮ ޖަޒާ ދެއްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ފާތުމާފުޅުގެ ފިރިމީހާ ދޮންކޮއްކޮއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި އާމީން.

މިއަދު އޮންލައިން