ހުކުރަށް ނުދިއުމުން ކުށްވެރި ނުވާ ރާއްޖޭގަ, ނާޞިރު "ގަންހިންގަން" ބައިވެރި ނުވެވުނު ނުކުޅެދޭ މީހުން 6 އަހަރަށް އަރުވާލި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ހުކުރަށް ނުދިއުމުން ކުށްވެރި ނުވާ ރާއްޖޭގަ, ނާޞިރު "ގަންހިންގަން" ބައިވެރި ނުވެވުނު ނުކުޅެދޭ މީހުން 6 އަހަރަށް އަރުވާލި!

ދިވެހި ޖުމްހޫރިއްޔާއަށް 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިވާއިރު ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ބާނީ އަދި ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު (ރބކ، ނޣޢވ. ކޭސީއެމްޖީ) ރާއްޖެއިން ފައްސައިލުމާއި އެލޮބުވެތި ލީޑަރު މާލޭގެ މަގުތަކުގައި "ގަންހިންގުމަށް" ބަލައިލަން ޖެހެއެވެ. އެއީ ރާއްޖޭގެ ފަހުގެ ތާރީޚު ދެކެފައިވާ އެންމެ އިންސާފުކުޑަ އަދި ލަދު ޙަޔާތްކުޑަ އަމަލުތައް ކަމުގައިވާތީއެވެ. 

ނާޞިރު ވެރިކަން ދޫކުރެއްވީ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތުމުގެ ވިސްނުންފުޅެއްގައި ނޫންކަން އެނގޭ އެއް ސަބަބަކީ އެކަމަށް އެއްވެސް ތައްޔާރީއެއް ވެވަޑައިގެންފައި ނެތުމެވެ. ކްރެސެންޓް ފިހާރަތަކާއި ބީޗްވިލާ ވިއްކަވާލައްވައި ފައިސާ ހޯއްދަވާފައި ނުވުމުންނެވެ. ބަނޑޮހާއި ސީޓީއޭގެ ދަށުގައި ހުރި ތަންތަން ވިއްކަވާލައްވާފައި ނެތުމުންނެވެ. 

"އަން" ކިޔާފައި ވެރިކަން ނުދެއްވި ނަމަ ވެރިކަން ދުވަހަކުވެސް ނުލިބޭނެ ބައަކަށް ރާއްޖޭގެ ވެރިކަން ލިބުމުން އެކަން ވެގެން ދިއައީ ރާއްޖޭގައި ގައު ކުކުޅަކަށް އެޅުނު އެންމެ ބޮޑި ގާބިހަށެވެ. ސައިފޮދު ދީފައި ވެލާނާގެއަށް ގައުއުކަން މީހުން ފޮނުވަން ފެށިއެވެ. އެހެނިހެން ތަފާތު ހަރަކާތްތައް ހިންގަން ފެށިއެވެ. 

ރައީސް އިބްރާހީމް ނާޞިރު ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ވެލާނާގޭ ދޮރާށި ތެރެއަށް މީހުން ފޮނުވައިގެން ގައުއުކަން ފެށުމުންނެވެ. އެވަރުވެގެން ދިއައިރުވެސް 21 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ލީޑަރަށް ސިފައިންގެ އެއްވެސް ޙިމާޔަތެއް ރައްކައުތެރިކަމެއް ނުދެއެވެ. މިއަދު މިއުޅެނީ ވެރިކަމުގައި ބީހިލެވިފައިވީނަމަވެސް އެމީހެއްގެ ވަށައިގެން ބޮޑީގާޑުންގެ ފައުޖެއް ނެތި މަގުމައްޗަށް ނުނުކުމެވޭތަނުގައި ގޭގައި ނިދަންވެސް ނުއޮވެވިގެނެނެވެ.

ދެން އައީ ރައީސް އިބްރާހީމް ނާޞީރުގެ އަބުރުފުޅުކަތިލަން ރައީސް މައުމޫނުގެ ސަރުކާރުން ކުޅުނު އެންމެ ބޮޑު ޑްރާމާގެ ދުވަސްވަރެވެ. ފެނިގެން ދިއައީ ރައީސް އިބްރާހީމް ނާޞިރުގެ އެއްވެސް ވަރެއްގެ ބައިވެރިވެވަޑައިގަތުމެއް ނެތް ކަމަކާއި އެމަނިކުފާނާއި ގުޅުވައި މާލޭގެ މަގުތަކާއި ރާއްޖެތެރޭގެ ރަށްރަށުގައި އެމަނިކުފާނުގެ ޣައިރު ޙާޒިރުގައި ގަންހިންގުވިތަނެވެ. 

ހަޤީޤަތުގައި ބުނަން ޖެހޭނީ ގަންހިންގުމަށްވުރެ މާބޮޑުވަރު ކުރި ކަމަށެވެ. ސަބަބަކީ އެ ޒަމާނުގައި ގަންހިންގާ މީހާގެ ގައިގައި އަޅިދެލިކުރަހައިގެން އެރަށެއްގެ މަގުތަކުގައި ހިންގައި، އެދޭ އަދަބެއް ދިނުމުން އެކަން ނިމުނީއެވެ. ނަމަވެސް ރައީސް ނާޞިރަށް އެކަން ކުރުމަތިކުރުވީ ވަރަށް ތަފާތު ގޮތަކަށެވެ. 

ރާއްޖޭގެ ކޮންމެ ރަށެއްގައި އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރަން ޖެހުނެވެ. އަދި އެކަން ވާޖިބުކުރިވަރާއިމެދުވެސް ވިސްނައިލަން ޖެހެއެވެ. ހުކުރަށް ނުގޮސްގެން އެޒަމާނުގައި މީހުންނަށް ފިޔަވަޅު އަޅާފައި ނުވިނަމަވެސް ރައީސް އިބްރާހީމް ނާޞިރު ގަންހިންގަން ކުރާ މުޒާހަރާގައި ބައިވެރި ނުވެއްޖެ ނަމަ ނުވަތަ އެކަމާއި ދެކޮޅަށް ބަހެއް ބުނެފިނަމަ ހިފައި ހައްޔަރުކޮށް ޤާނޫނު އަސާސީގައި އޮންނަ ހުރިހާ ކަމަކަށް ފުދޭ ފުޅިމަދު އުނގުރި، މަޝްހޫރު 38 ވަނަ މާއްދާގެ ދަށުން ދައުވާކޮށް 6 އަހަރަށްވުރެ ކުރު ނޫން މުއްދަތުތަކަށް އަރުވައިލިއެވެ. 

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ބައި އިސްލާމް ދީނުގައި ނެތް ދުވަސްވަރެއް ދިއަތޯ އެއިރުގެ ވެރިންނާއި ސުވާލުކުރަން ޖެހެއެވެ. އެއީ އުފެދިހުރި ގޮތުން އަތްވަށް ނުކުތުމުން ހަންގަޑު ފިހޭ ތޮއްޑޫ މުބާރިކަށް އަވީގައި މުޒާހަރާ ކުރަން ނުނުކުމެވުމުން 38 ވަނަ މާއްދާގެ ދަށުން 6 އަހަރަށް އަރުވާލާފައިވާތީއެވެ. 

ރައީސް އިބްރާހީމް ނާޞިރު ފަޟީޙަތްކުރަން ހަޑިހުތުރު ޖަނަވާރުގެ ސިފައިގައި ބޮޑެތި ފިލާތަކުގައި ކުރަހައި މާލޭގެ އެތައް މިތަނުގައި ބެހެއްޓިއެވެ. އެންމެ ގިނަ ކުރެހުންތައް ބަހައްޓާފައި ހުރީ ޗާންދަނީ މަގު ޖުމްހޫރީ މައިދާން ކަންމަތި ސަރަހައްދުގައެވެ. އެންމެ ބޮޑު ޢަޖައިބަކަށް ފާހަގަކުރެވުނު ކަމަކީ އެއީ ރައީސް މައުމޫން، ތީމުގެއިން ރައީސް އޮފީހަށް، ރައީސް އޮފީހުން ތީމުގެ އަށް ދުވާލަކު 2،3 ފަހަރު ދަތުރު ކުރެއްވި މަގު ކަމަށްވީނަމަވެސް އެކުރެހުންތައް އެމަނިކުފާނަށް ފެނިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވުމެވެ. އެހެންކަމުން އެ ބޮޑެތި ފިލާތައް އެތަނުގައި ބެހެއްޓި ބައަކު ބަހައްޓާފައިވަނީ ފަނޑިތައެއް ހަދައި ރައީސް މައުމޫނަށް އެފިލާތަށް ފެނިވަޑައި ނުގަންވަނޭގޮތަށް ކަމަށް ބައެއް މީހުން ބުނެއެވެ. 

ރައީސް އިބްރާހީމް ނާޞިރުގެ މަސައްކަތްޕުޅުތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އަދި ޖުމްހޫރިއްޔަތާއި އޮތް ގުޅުމަކީ ދުވަހަކުވެސް ވަކިކުރެވޭނެ ގުޅުމެއް ނޫނެވެ. ޤައުމުތައް އަޅުވެތިކުރަން އަބަދުވެސް ލޯބިކުރާ އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށް ދެއްވި، އަދި ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ދެވަނަ ފަހަރަށް ޤާއިމުކުރެއްވި، ދިވެހިން އެ ލީޑަރަކަށް ފަޚުރުވެރިވާ ލީޑަރަކީ ރައީސް އިބްރާހީމް ނާޞިރުކަމުގައިވާތީއެވެ. 

މިއަދު އޮންލައިން