އަންނައަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މެންބަރުން ބަހުސްކުރަން ފަށައިފިއެވެ.
ބަހުސްކުރުމުގެ ފުރުޞަތު ހުޅުވައިލައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ބަޖެޓުގެ އަދަދު ބިލިއަނަކަށް އެރީ ސުނާމީއަށްފަހުގައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި 100، 200 މިލިއަން ޚަރަދުކުރަން ނެތް ހަމަ އެއްވެސް ރަށެއް ވެސް ނެތް ކަމަށާއި ނަމަވެސް ރަށްތަކަށް ބޭނުންވާ ހުރިހާ ކަންކަން ހިމެނިފައި ނުވެދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ބަހުސް 21 ގަޑިއިރަށް ކުރިއަށް ގެންދެވޭނެ ކަމަށާއި ކޮންމެ މެންބަރަކަށް 15 މިނިޓު ލިބޭނެ ކަމަށެވެ. ފުރުޞަތު ލިބޭއިރު މަޖިލީހުގައި ނެތް މެންބަރަކަށް ފުރުޞަތު އަލުން ނުދެއްވާނެ ކަމަށެވެ.