ޔުނެސްކޯގެ ޢާންމު ބައްދަލުވުމުގަ ބައިވެރިވެވަޑައިގަތުމަށް ތައުލީމީ ވަޒީރު ފުރާވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޔުނެސްކޯގެ ޢާންމު ބައްދަލުވުމުގަ ބައިވެރިވެވަޑައިގަތުމަށް ތައުލީމީ ވަޒީރު ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރޕާރސަން އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ފްރާންސަށް ވަޑައިގެންފިއެވެ. 

މި ބައްދަލުވުމުގައި އެކަމަނާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި  ޔުނެސްކޯ މެން އެންޑް ބައޮސްފިއަރ ކައުންސިލްގެ މެމްބަރަކަށް ދިވެހިރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ލޮބީ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.  

މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޤައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުން އަދި ތަޢުލީމީ އެކްސްޕަރޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވަން ހަމަޖެހިފައިވެއެވެ. އަދި އެފަރާތްތަކުން ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑު ތަކާއި ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރާ ވޯޓްގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަޢުޞޫމު ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

 

 

 

މިއަދު އޮންލައިން