އެއްޗެއްގެ އަގު މަތިވަނީ މައިގަނޑު ދެ ސަބަބަކާއި ހެދިއެވެ.
1. މީސްތަކުން އެ އެއްޗަކަށް ބޭނުންޖެހިފައިވާލެއް ބޮޑުވުން
މިސާލަކަށް: ޕެޓްރޯލް
2. ނާދިރުކަން
މިސާލަކަށް: ރަން
މާދަމާ ތިބާ ވަޒީފާގެ މައިދާނަށް ނުކުންނައިރު، މުޖުތަމަޢު ތިބާ މިންކުރާނީ ދެ ކަމަކަށް ބަލައިގެންނެވެ. ތިބާގެ އަޚްލާޤަށާއި ތިބާގެ ހުނަރުވެރިކަމަށް ބަލައިގެންނެވެ. ތިބާގެ ހުނަރުތަކަކީ ނާދިރު ހުނަރުތަކެއްނަމަ، ތިބާގެ އަގުމަތިވާނެއެވެ. ތިބާގެ ޚިދުމަތަކީ މީސްތަކުން އެ ޚިދުމަތަކަށް ބޭނުން ޖެހިފައިވާ ޚިދުމަތެއް ނަމަ، ތިބާގެ އަގު މަތިވާނެއެވެ. ބުނާ މީހަކު ބުނެފާނެއެވެ. މިއަދު ވަޒީފާތައް ދިނުމުގައި ބޮޑަށް ބަލަނީ މީހާގެ ސިޔާސީ ވިސްނުމަށެވެ. ނަމަވެސް ދަންނަވަންތޯއެވެ. ތިބާއަކީ އަމާނާތްތެރިއަކަށްވެފައި، ތިބާގެ ދާއިރާގެ ފަންނުވެރިއެއްކަމުގައި ވާނަމަ، އުދަރެހަށް ވެރިވެފައިވަނީ ރީނދޫ ކުލަ ތޯ ނުވަތަ އަސުރުމާ ކުލަތޯ ބަލާކަށް ނުޖެހޭނެއެވެ.
ލޮބުވެތި ޒުވާނުންނޭވެ. ފައިދާހުރި ފޮތްތައް ކިޔާށެވެ. ޝަރުޢީ ގޮތުން ހުއްދަ ހުނަރުތައް ލިބިގަންނާށެވެ. އާ ބަސްތައް ދަސްކުރާށެވެ. ވަގުތު ބޭކާރު ކުރުން ހުއްޓާލާށެވެ. ކޮންމެ ދުވަހަކީ ވެސް، ފެން ހިފޭ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހަދާށެވެ.
(މިއީ މައޫން ޝަރީފް މިއަދުނޫހާއި ޙިއްޞާ ކުރެއްވި ލިޔުމެކެވެ.)