ސިޔާސީ ގޮތުން ޤައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ސިފައިންނާއި ފުލުހުންގެ މައްސަލައެއް އުޅޭނަމަ އެކަން ސިޔާސީ ނުކޮށް އެކަން ޙައްލު ކުރަންޖެހޭނީ ޕްރޮފެޝަނަލްކޮށް ކަމަށް ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގައި ދިގުމުދަތެއްގައި ޚިދުމަތްކުރައްވައި އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުން މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހީމް ދީދީ ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ އިސްތިރާޖީ ތަރިކަ ކަމަށާއި އިންސާނުންގެ ތެރޭގައި މައްސަލައެއް އުޅެދާނެ ކަމަށެވެ. އެފަދަ ކަމެއް އުޅޭނަމަ އެކަން ޙައްލުކުރަން ޖެހޭނީ ސިޔާސީ ނުކޮށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.
"ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ އިސްތިރާޖީ ތަރިކައެވެ. އިންސާނުންގެ ތެރޭގައި މައްސަލައެއް އުޅެދާނެއެވެ. ސިޔާސީ ގޮތުން ޤައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ސިފައިންނާއި ފުލުހުންގެ މައްސަލައެއް އުޅޭނަމަ އެކަން ސިޔާސީ ނުކޮށް އެކަން ޙައްލު ކުރަންޖެހޭނީ ޕރޮފެޝަނަލްކޮށެވެ." ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީ
އިބްރާހީމް ދީދީ މިފަދަ ބަސްފުޅެއް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރޭގައި "އަނދިރި ބާރުތަކުގެ ނުފޫޒު" އެބައޮތްކަމަށް މަޖިލީހާއި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުންނެވެ.
ރައީސް ނަޝީދު މިފަދަ ބަސްފުޅުތަކެއް ވިދާޅުވެ ދިވެހި ސިފައިންނާއި ފުލުހުންގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުއްވަމުން ގެންދަވާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ގެންދަވަނީ މިފަދަ ތުހުމަތުތައް ދޮގުކުރައްވައި ބަޔާން ދެއްވަމުންނެވެ.