ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަންކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަންކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީން ބުނެފައިވަނީ ޤާނޫނު ނަންބަރ 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް ދެވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ (ޑެޕިއުޓީ ވައިސް ޗާންސެލަރުން) ގެ (ހ) ގެ ދަށުން ޔުނިވަރސިޓީ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް ބޭފުޅުން 24 ނޮވެމްބަރ 2019 ވަނަ ދުވަހުން ފެށިގެން 04 އަހަރުގެ މުއްދަތަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީހުން ވަނީ ޢައްޔަންކޮށްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަންކުރައްވާފައިވަނީ 21 ނޮވެމްބަރ 2019 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ 19 ވަނަ މަޖިލިސް ބައްދަލުވުމުގައެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ ކަމަށް ޢައްޔަންކޮށްފައިވަނީ ޑރ. ދީބާ މޫސާ / މ. ވައިޓްބެލް ކ. މާލެ (ރިސާޗް އެންޑް އިނޮވޭޝަން) އާއި  ޑރ. ސައުދުﷲ ޢަލީ / އެއްގަމުގެ، ބ. ކެންދޫ (އެކަޑެމިކް އެފެއާޒް) އަދި އަލްފާޟިލް މުޙައްމަދު މާހިދު ޝަރީފް / މ. ވެލަގަލި، ކ. މާލެ (އެޑްމިނިސްޓޭޝަން އެންޑް ފައިނޭންސް) އެވެ.

މި ބޭފުޅުންނަކީ، ޢާންމުކޮށް އެންމެ ބޭފުޅުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިގެން ޔުނިވަރސިޓީން ކުރި ޢިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިމްތިޙާނު އަދި އިންޓަރވިއު ކުރުމަށްފަހު ޔުނިވަރސިޓީގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. 

ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސާޗް އެންޑް އިނޮވޭޝަން ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ ޑރ. ދީބާ މޫސާ މީގެ ކުރިން ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ކަމުގެ މަޤާމުގައެވެ. އަދި ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ގެ މަޤާމުގެ ފުރުއްވާފައިވާވެއެވެ. ޑރ. ދީބާ މޫސާއަކީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ (ޔޫ.އެސް) އިން އެޑިއުކޭޝަންގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 

ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑެމިކް އެފެއާޒް ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ ޑރ. ސައުދުﷲ ޢަލީ ކުރިން ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރަރގެ މަޤާމު ގައެވެ. ޑރ. ސަޢުދުﷲ ޢަލީ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެޑިއުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ހާޞިލުކުރައްވާފައެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓޭޝަން އެންޑް ފައިނޭންސް ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ އަލްފާޟިލް މުޙައްމަދު މާހިދު ޝަރީފް މީގެ ކުރިންހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕްރޮކިއުމަންޓް ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ. އަދި މުޙައްމަދު މާހިދު ޝަރީފް އަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ ޕާރމަނަންޓް ސެކެޓްޓަރީ އާއި މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރގެ ޕާމަނަންޓް ސެކެޓްޓަރީ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ތަޢުލީމީ ހަޔާތައްބަލާއިރު މުޙައްމަދު މާހިދު ޝަރީފް ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންޑިއާސް އިން މާސްޓަރ އިން ޕަބްލިކްމެނޭޖްމަންޓް ހާޞިލުކުރައްވާފައެވެ.

 

 

މިއަދު އޮންލައިން