މަގުމަތީގަ ހަޑިހުތުރު އަމަލުކުރުން - ގަޓްހުރި ކަމެއް! ބަލިވެ އިނދެއްޖެ ނަމަ ކުރި އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މަގުމަތީގަ ހަޑިހުތުރު އަމަލުކުރުން - ގަޓްހުރި ކަމެއް! ބަލިވެ އިނދެއްޖެ ނަމަ ކުރި އަނިޔާއެއް!

"އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވަވާފައިވަނީ އެއްވެސް ބައަކަށް ނުދެއްވަވާފަދަ ރައްކައުތެރިކަމެކެވެ. ނަމަވެސް އެކުދިން މި ރައްކައުތެރިކަމުން މަޙްރޫމް ކުރުވުމުގެ އަސްލަކީ ދީނުގެ އުސޫލުތަކާއި ބީރައްޓެހިކުރުވުމެވެ. ވީމާ ކޮންމެ ފަރުދަކުވެސް ދަރިން އިސްލާމީ ތަރުބިއްޔަތުގެމަތީގައި ތަރުބިއްޔަތުކުރައްވާށެވެ!" ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން 

ޝައިޚް އިލްޔާސް ވިދާޅުވެފައިވާ މި ބަސްފުޅުގެ ދަލީލަކީ ޤާނޫނުގައި ބުނާ އުމުރުގެ ކުޑަކުދިން ހިލޭ ފިރިހެނުންނާއިއެކު މަގުމަތީގައި ހާމައަށް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ކުރަމުން ގެންދާ ކަމެވެ. 

މިފަދަ ކަންކަން ކުރަނީ މިނިވަން ފިކުރުގެ ކުދިންކަމަށްވުމުން އެކަންކަމާއިމެދު ކަންބޮޑުވެގެން އެއްވެސް މުއައްސަސާއަކުން ވާހަކަ ދައްކާ އަޑެއް ނުއިވެއެވެ. އަދި އެފަދަ ކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތެއްވެސް ނުފެނެއެވެ. އެފަދަ ކަންކަން ކުރާ ކުދިން ވެފައި އޮންނަނީ ގަޓުހުރި ކުދިންނަށެވެ. ނަމަވެސް ބަލިވެ އިނދެއްޖެ ނަމަ އެކަން ވެފައި އޮންނަނީ ކޮންމެވެސް މީހަކު ކުރި އަނިޔާއަކަށެވެ. 

ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި އެކަނި އުޅޭ ކުދިން ފެނުމުން އެކުދިންނަކީ މައިން ބަފައިން ނެތް ކުދިން ކަމާއިމެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. 

ހުޅުމާލޭގެ ގެސްޓް ހައުސްއަކަށް ކުޑަ އަންހެން ކުއްޖަކު ފިރިހެނުން ތަކަކާއިއެކު ގޮސް އެމީހުންގެ ކޮޓަރިއަށް ވަދެ މައްސަލަތަކެއް ޖެހުނުކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ފިރިހެނުންނަކީ މިނިވަން، އޯގާތެރި ފިކުރުގެ މީހުން ކަމަށްވުމުން އެކަމުގެ ވާހަކަ އެއްވެސް މުއައްސަސާއަކުން ދެއްކިކަން އެނގޭކަށް ނެތެވެ.

ޝައިޚް އިލްޔާސް ވިދާޅުވެފައިވާ ފަދައިން އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވަވާފައިވަނީ އެއްވެސް ބައަކަށް ނުދެއްވަވާފަދަ ރައްކައުތެރިކަމެކެވެ. އެ ރައްކައުތެރިކަން ހުރިހާ މާނައެއްގައި ހޯދައި ދެވިގެން މެނުވީ މިހާރު ކުރިމަތިވެފައި މިވާ ޙާލަތުން މުޖުތަމައު ސަލާމަތްކުރެވިދާނެބާވައެވެ!

މިއަދު އޮންލައިން