"ބަވަތި" ވަރަށް އަވަހަށް ދިރާގުޓީވީ އަށް އަންނަނީ!

ކިޔުމަށް ހޭދަވާނީ 1މ 38ސ
"ބަވަތި" ވަރަށް އަވަހަށް ދިރާގުޓީވީ އަށް އަންނަނީ!

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން، އެންމެ ކާމިޔާބުވި އެއް ފިލްމުކަމުގައި "ބަވަތި" ދިރާގުޓީވީ އަށް ވަރަށް އަވަހަށް އަންނަން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދިރާގުއިން ދީފިއެވެ.

އަލަށް ފިލްމީ ދާއިރާއަަށް ނިކުތް "އައިފިލްމްސް ޕްރޮޑަކްޝަންސް" ގެ "ބަވަތި" އޮލިމްޕަހު ސްކްރީނުގައި ޕްރިމިއާރ ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހުއެވެ. ކުޅަދާނަ އެކްޓްރެސް ނުޒުޙަތު ޝުއައިބު އާއި ފީޗާ ފިލްމަކުން އަލަށް ފެނިގެންދިޔަ އަޙްމަދު އިފްނާޒް ފިރާގު ފެނިގެންދިޔަ މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ އެފިލްމުގެ ސްކްރީންޕްލޭ ލިޔެ އުފެއްދި އިލްޔާސް ވަހީދުއެވެ.

"ބަވަތި" އަކީ ވަރަށް ވެސް ތަފާތު ފިލްމަކަށްވުމުން، އެފިލްމު އެންމެ ފުރަތަމަ ޕްރިމިއާރ ކުރި ދުވަހުން ފެށިގެން އޮލިމްޕަހު ސްކްރީނަށް އަލްވަދާއު ކިޔުމާއި ހަމައަށް ވެސް މިފިލްމަށް ލިބުނު ތަރުހީބު ދިޔައީ އިތުރުވަމުންނެވެ. އަދި އަތޮޅުތެރޭގައި "ބަވަތި" އެޅުވުމުންވެސް ވަރަށް ހޫނު ތަރުހީބެއް މިފިލްމަށް ލިބިފައިވެއެވެ.

ދިރާގު ޓީވީ އާއި މިފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ދިރާގު ޓީވީން މިއަހަރުގެ އޯގަސްޓް މަހުބުނެފައިވަނީ "ބަވަތި" މިފިލްމު ދިރާގު ޓީވީން ގަތީ، އެޓީވީގެ "އޮން ޑިމާންޑް ޕްލެޓްފޯމް" އަށް ލާން ވެގެން ކަމަށެވެ.

"ބަވަތި މިފިލްމު ގަތީ އޮން ޑިމާންޑް ޕްލެޓްފޯމަށް ލާން ވެގެން. މިއީ މިއަހަރުގެ ޖުލައި މަހުގަ ހުޅުވާލި ފީޗަރ އެއް. މިފިލްމު ސްކްރީން ކުރުމަށްފަހު ދިރާގު ޓީވީން އަޅުވާނީ އެކަމަކު އަދި ވަކި ދުވަހެއް ބުނެލާކަށް ނޭނގޭ" ދިރާގު ޓީވީން މައުލޫމާތު ދިން މުވައްޒިފަކު ބުނެފައިވެއެވެ.

"ބަވަތި" ދިރާގު ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ، މުޅި ފިލްމު އެއްކޮށެވެ. ވަރަށް އަވަސް މުސްތަގުބަލެއްގައި އެޓީވީން "ބަވަތި" ދައްކާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން