މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ގއ. ދާންދޫގެ މަގުތަކުގައި ފެންބޮޑުވެ 30 އަށްވުރެ ގިނަ ތަނަކަށް ފެން ވަދެއްޖެއެވެ.
މިކާރިސާއާއި ގުޅިގެން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުޙައްމަދު ވިދާޅުވީ، އެރަށަކީ ވިއްސާރަ ވެއްޖެނަމަ އަބަދުވެސް ވަރަށް އަވަހަށް ފެންބޮޑުވާ ރަށެއް ކަމަށާއި އެގޮތުން ދެތިން ސަރަޙައްދެއްގެ މަގުތަކުގައި ފެންބޮޑުވެ އިމާރާތްތަކަށް ފެން ވަދެފައިވާ ކަމަށެވެ.
"ރޭ ފަތިހަށްފަހު ވިއްސާރަވީ. 7:30 ގަ ވަރަށް ބޯކޮށް ވާރޭ ވެހުން. ފެން ހިންދުމުގެ މަސައްކަތް ކުރަމުން މިދަނީ ދާންދީ ޕޮލިހާއި، ކައުންސިލާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި، އެހެން ސެކްޓާރ ތަކުގެ މީހުންނާއި ރަށުގެ އެހެން ފަރުދުން ވެސް. 2015 ވަނަ އަހަރު ފެން ހިންދުމުގެ ޕަންޕުތަކެއް ލިބިފައިވޭ، ހަގީގަތުގައި އެތަކެތި ލިބިފައިވާތީ މިވަރުވެސް މިވީ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދާންދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެރަށަށް ލިބުނު ގެއްލުންތައް ބަލައި، ޑިޒާސްޓާރ މެނޭޖްމަންޓަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ދާންދޫ ކައުންސިލް ރައީސް އިސްމާއިލް މުޙައްމަދު ފާހަގަ ކުރެއްވި ގޮތުގައި، ވިއްސާރައިގެ ސަބަބުން ދާންދޫއަށް އެންމެ ފަހުން މިވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2015-2916 ހިސާބުގައެވެ.