ސިފައިންގެ އެލާޓް ދަރަޖަ މަތިކުރީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެނެއް ނޫން،ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިކަމާގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް އާދައިގެ ލެވެލްއަށް ވުރެ އެއް ދަރަޖަ މަތި ކުރީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫން، ކަމަށާއި ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށެވެ.
އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް މަތިކޮށް، މިރޭ 7:00 އިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތި ކުރުމާއެކު، އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރަމުންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
މިރޭ 7:00 އިން ފެށިގެން ސިފައިންގެ އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކުރުމާއެކު ވަރަށް ގިނަ ރިސޯޓްތަކުން ފުލުހުންނަށް ގުޅަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.