ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެދިއްޖެ އެވެ.
އެންސީޓީސީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ރެއާއި ދުވާލު، އިންޓަނެޓްގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސިއްރިއްޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެހާ ރައްޔިތުން މިކަމަށް ސަމާލުވެ ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވީއިރު، މިއީ އަންނަން އޮތް ޖީލުތަކަށް ފިކުރީގޮތުން ކުރިއަށް ދިއުމާއި، ގައުމީ ތަރައްގީގެ ދަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެންސީޓީސީ އިން ވަނީ ބުނެފައެވެ.