އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓު ހުޅުމާލެއަށް ވައްދައިފިއެވެ.
މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 06:10 ހާއިރު ހުޅުމާލެއަށް ވައްދައިފިއެވެ.
ސްރީލަންކާގެ ހަ މީހުންނާއެކު ދަތުރުކުރި މި ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހި އޮޔާދާކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިމަހުގެ 23 ވަނަ ދުވަހުގެ 17:00 ހާއިރުއެވެ. ފުރަތަމަ ރިޕޯޓް ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ބޯޓު މޮނިޓަރ ކުރަމުންއެވެ.
އަދި ފަހުން، ކ.ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ސަރަޙައްދަށް ގޮސް ލަންކާގެ މަސްބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފަވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީގެ ބެލުމުގެ ދަށުން މި ބޯޓު މިއަދު ހެނދުނު ހުޅުމާލެ ބަނދަރަށް ވައްދާފައިވާއިރު، އެ ބޯޓުގައި ތިބި ލަންކާގެ ފަޅުވެރިންގެ ހާލު ރަނގަޅެވެ.