މުޅި ޤައުމު މިފަދަ ކަންބޮޑުވުމެއްގައިވާ ވަގުތެއްގައެއްވެސް ފަރާތަކުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ކުރަން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ރޭ މަހިބަދޫގައި 7 ލޯންޗްގައި ރޯވެ އަނދާފައިވަނީ ނައަކު ޤަޞްދުގައި ރޯކޮށްލުމުން ކަމަށް ތަޙްޤީޤަށް އެނގިފައިވާކަން ފާހަގަކުރެއްވުމުން ޝަމާލް ވިދާޅުވީ މިއީ ވަރަށް ދަށުދަރަޖައިގެ އަދި ނުރައްކާތެރި އަމަލުތައް ކަމަށެވެ.
ޝަމާލް ވިދާޅުވީ މިހާދިސާގައި ސީއެމްބިޔުލާންސަކާއި ފުލުހުންގެ ލޯންޗެއް އަދި އަތޮޅު ކައުންސިލުގެ ލޯންޗެއް ވެސް އަނދާފައިވާ ކަމަށާއި ސީ އެމްބިޔުލާންސް އާއި ފުލުހުންގެ ޚިދުމަތަށް ބޭނުންކުރާ އުޅަނދުތަކަށާއި ތަކެއްޗަށް ގެއްލުން ދިނުމަކީ މިފަދަ ވަގުތެއްގައި އެއވެސް ގޮތަކުން ބަލައިގަނެވޭނެ އަދި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޝަމާލް މިމޭރުމުން ވިދާޅުވިއިރު ރައްޔިތުންނަށް ސީދާ ޚިދުމަތްދޭން ބޭނުންކުރާ ލޯންޗްފަހަރު ފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ މާލީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއްކަން ފާހަގަކުރެވެއެވެ.