ހަފްތާގެ ދުވަސްތަކަކީ ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަހެކެވެ. ވީމާ ހަފްތާގެ ދުވަސްތަކުގައި އެންމެ ގިނައިން އަޅުކަްނ ނުކުރެވިދާނެއެވެ. ނަމަވެސް ހުކުރު ދުވަހު ވަޒީފާގެ ގޮތުން މަސައްކަތްކުރަން ނުޖެހޭ މީހުންނަށް ހުކުރުދުވަހަކީ ވީހާގިނައިން އަޅުކަްނކުރާ ދުވަސްކަމަށް ހަދަން މަސައްކަތްކުރެވިދާނެއެވެ.
އަޅުކަން ކުރުން ގިނަ ބައަކު މާނަކުރަނީ ވަރަށް ހަނިކޮށެވެ. ހަމައެކަނި އެންމެ ކަމަކަށެވެ. މިޘާލަކަށް ނަމާދުކުރުމާއި ރޯދަހިފުމާއި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން ފަދަ ކަންކަމަށެވެ. ނަމަވެސް އެއީ އަޅުކަމުގެ އެންމެ ހަނި މާނައެވެ.
އަޅުކަމުގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުން ކުރާ ކޮންމެ ޢަމަލަކީވެސް އަޅުކަމެކެވެ. ވީމާ ޢާއިލާ އާއިއެކުގައި ވަގުތު ހޭދަކުރުމާއި ދަރިންނާއިއެކު ކުޅިވަރުކުޅެ ހެދުމަކީ ވެސް އަޅުކަމެކެވެ. މިކަންކަން ވިސްނުމުގައި ބަހައްޓައިގެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!
މާދަމާއަކީ ވެސް ހުކުރު ދުވަހެވެ. ހަފްތާގެ އެންމެ މުހިންމު ދުވަހެވެ. އެންމެ ގިނައިން އަޅުކަން ކުރަން އޮތް ދުވަހެވެ. އެހެންކަމުން މިއަދުގެ ނަޞަޙަތްކޮޅު ޚާއްޞަ މިޚާއްޞަކޮށްލަނީ ބުރަކޮށް މަސައްކަތްކުރާ ބޮޑެތި މީހުންނަށެވެ.
ގިނަ އަދަދެއްގެ މައިން ބަފައިން، ކާފަ މާމައިން ފަތިހު ތެދުވެ ފަތިސް ނަމާދުކުރެއެވެ. އެއަށްފަހު ދަރިން ގޮވައިގެން ބޭރަށް ގޮސްލައެވެ. ޕާކް ފަދަ އެކުދިންނަށް ފަސޭހައިން ކުޅިވަރު ކުޅެ ހިތްހަމަ ޖެހުން ލިބޭތަންތަނަށް ދެއެވެ.
އެގޮތަށް ގޮސް ކުދިން ކުޅެން ދޫކޮށްލައިގެން ތިބޭއިރުވެސް އަޅުކަންކުރުން ދޫކޮށް ނުލާށެވެ! ކޮންމެވެސް ހެޔޮ އެއްޗެއް ކިޔުންމަތީގައި ތިބޭށެވެ! ހުކުރު ދުވަސްކަމަށްވުމުން ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ! ކުދިން ކުޅެން ދޫކޮށްލުމަށްފަހު ކުދިންގެ ކަންކަން ނުވަތަ ކުދިން އުޅޭ ގޮތް ބަލަނީ ދުލަކުން ނޫނެއް ނޫންހެއްޔެވެ؟ ލޮލުން ނޫން ހެއްޔެވެ؟ ވީމާ ދުލުން ހެޔޮ އެއްޗެއް ކިޔުންމަތީގައި ތިބޭނަމަ އެކުރެވެނީ 2 އަޅުކަމެވެ. އެހެނީ ކުދިންނާއިއެކު ވަގުތު ހޭދަކުރުމާއި ކުދިންނަށް އުފާވެރިކަން ހޯދައި ދިނުމަކީވެސް އަޅުކަމެކެވެ. ދުލުން ޛިކްރުތައް ކިޔުމަކީވެސް އަޅުކަމެކެވެ.
ކިޔޭ ޢަދަދު ނުގުނިދާނެތީ ކަންބޮޑު ނުވާށެވެ! ދެކޮނޑުގައި ތިއްބަވާ މަލާއިކަތުން ގެންދަވާނީ ލިޔުއްވަވަމުންނެވެ. ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ތިބާއަށް އަދަދު ނުގުނީތީ އެންމެ ސަވާބެއްވެސް މަދެއް ނުކުރައްވަވާނެތެވެ! ވީމާ ކުދިންނާއި ވާހަކަ ދައްކަން ޖެހޭ ޙާލަތުގައި ވާހަކަ ދައްކާށެވެ! ނިމުމުން ޛިކްރުކުރަން ފަށާށެވެ!
މީގެ އިތުރުން ލިބޭ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީވެސް އަޅުކަމެކެވެ. ވީމާ މުބުނި ފަދައިން ކަންކަން ކޮށްފިނަމަ ކުދިންނާއިއެކު ވަގުތު ހޭދަކުރުމުގެ ތެރެއިން 3 އަޅުކަން ޙާޞިލުކުރެވޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން