މިލިޔުމުގައި އެވަނީވެސް ދެމަފިރިންގެ މެދުގައި
ލޯބިއިތުރުވެ ފުރަތަމަ ދުވަހާއި އެއްގޮތަށް ދިރިއުޅެން ބޭނުންވާ މީހުންނަށް އެންމެ ފައިދާހުރި ގޮތެވެ. އަބަދު އުފަލުގައި ތިބެން ކުރަން އޮތް ކަންތަކެވެ. އެއްވެސް ޝައްކެއް ނެތް ޔަޤީން ގޮތެވެ.
ކޮންމެ މީހަކު ފަދައިން ކޮންމެ ދެމަފިރިއަކުވެސް އުފާވެރިކަން ބޭނުންވާނެއެވެ. އުފާވެރިކަން ހޯދަން މަސައްކަތްވެސްކުރެވޭނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ޒަވާޖީ ހަޔާތުގެ އުފާވެރިކަން އިތުރުކޮށް ކާމިޔާބުކުރަން ކުރަން އޮތް އެންމެ ޔަޤީންކަން ބޮޑު ކަންތައް ގިނަ ބައަކަށް މިވަނީ އޮޅިފައެވެ. ގިނަބައަކަށް ނުއެނގެއެވެ.
އެކަންތައް މިބުނަނީއެވެ. ފުރަތަމަ ކަމަކަށްވެސް ދެމީހުންގެވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! މިބަހަށް ތަންކޮޅެއް ތިލަކޮށް ވިސްނަންމަސައްކަތްކުރާ މީހުންނަށް މިބުނާ ބަހުގެ ޙަޤީޤަތް ނުއެނގިދާނެއެވެ. ވީމާ ތަންކޮޅެއް ތިލަކޮށް ކިޔައިދޭނަމެވެ.
އެއްވެސް މީހަކު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ނުކުރާނެއެވެ. ވީމާ ބައިވެރިޔާއަށް ބޭވަފާތެރިވުން، މަކަރުހެދުން، އޮޅުވާލުން، އަނިޔާވެރިވުން، އަޅައިނުލާ ފަރުވާކުޑަކުރުން، ޚަރަދު ނުކުރުން، ދޭންޖެހޭ ސަމާލުކަން ނުދިނުން ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. އެފަދަ އެއްވެސް ކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަމުގައިވާތީއެވެ.
ދެން ނިކަން ބުނެބަލާށެވެ! މިބަޔާބންކުރި ފަދަ ކަންކަން ނުކުރާނަމަ ދެމަފިރިންގެ މެދުގައި ލޯބިދާނީ ދުވަހުން ދުވަހަށް އިތުރުވަމުން ނޫންހެއްޔެވެ؟ ނަތީޖާއެއްގެ ގޮތުން އުފާވެރިކަންވެސް ދާނީ އިތުރުވަމުން ނޫންހެއްޔެވެ؟
މިއީ ކޮންމެހެން އިތުރަށް ވިސްނަންޖެހޭނެ ކަމެއްވެސް ނޫނެވެ. ކިތަންމެ ކުޑަކޮށް ވިސްނައިލިނަމަވެސް ކޮންމެ މީހަކަށްވެސް އެނގިޔަޤީންވާނެ ކަންކަމެވެ. ވީމާ ޒަވާޖީޙަޔާތުގައި އުފާވެރިކަން އިތުރުވުންވެސް އެންމެ ބޮޑަށް ގުޅިފައި މިއޮތީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމާއިކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ.
ވީމާ އުފާވެރިކަން އިތުރުކުރަން ނުވަތަ އުފަލުގައި ދިރިއުޅެން ކޮންމެ ދެމަފިރިއަކުވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރާށެވެ. ބޭނުންވާ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން