ޢުމުރުން ދުވަސްވެގެންވެސް ނުވެވެސް ސިފައަށްބަދަލުތައް އަންނާނެ! ނުރުހޭ މީހާއާ ދުރުނުވިނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޢުމުރުން ދުވަސްވެގެންވެސް ނުވެވެސް ސިފައަށްބަދަލުތައް އަންނާނެ! ނުރުހޭ މީހާއާ ދުރުނުވިނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

 

ފުރަތަމަ ކަމަކީ އިންސާނުން އުފައްދަވަނީ އެންމެންގެ ހަށިގަނޑު އެއްގޮތަކަށް ނޫނެވެ. އެހެންވެ ބައެއް މީހުންގެ ހަށިގަނޑަށް ވަރަށް އަވަހަށްވެސް ބަދަލުތައް އައުދެއެވެ. އަނެއބައަކު ޢުމުރުން ދުވަސްވާއިރުވެސް ޒުވާންކަންމަތީގައި ފެނެއެވެ. މިދެގޮތްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެކަންކަމުގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުހިންގޭނެއެވެ.

ވަރަށް ގިނައިން ދިމާވާ ކަމެއް ފާހަގަކޮށްލާނަމެވެ. 20، 25 އަހަރުގަ ކައިވެނިކުރަނީއެވެ. ބައެއް މީހުންގެ ސިފައަށް 35. 40 ގައިވެސް ބަދަލުތައް އައުދެއެވެ. ޚާއްޞަކޮށް އަންހެނުންނަށް މިމައްސަލަ ބޮޑަށް ދިމާވެއެވެ. އެންމެ ބޮޑު ސަބަބަކީ ވިހެއުމެވެ.  

ކޮންމެއަކަސް ސިފައަށް ބަދަލު އައުމުން ފިރިހެނުންގެ ހިތުގައި ފޫހިކަން އުފެދެއެވެ. ދެމީހުން ދުރުވަމުން ގޮސް އެއްދާން ނުކުރާ ހިސާބަށް ކަންކަން ދުއްވާލައެވެ. ދަރިން ތިބީތީ ނުވަތަ ވަކިވުމުން ތިމާއަށް ލިބިދާނެ ގެއްލުމެއް އޮތްނަމަ ވަކިނުވެ ހުރެދާނެއެވެ.  

މިޙާލަތު ކުރިމަތިވެގެން ވަރަށް ގިނަ އަންހެނުން ކައުންސިލިންގ ހޯދައެވެ. އަހުރެން ބުނަނީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ނުއޮންނަނަމަ، އަދި އެކަމަށް އެދުމުން ޢިޖާބަ ނުދޭނަމަ ވަކިވުން މާރަނގަޅު ކަމަށެވެ.

އެހެން ބުނަންޖެހޭ ސަބަބަކީ އެހިސާބުން ވަކިވިނަމަވެސް ދެވަނަ ބައިވެރިއަކު ހޯދިދާނެއެވެ. ނަމަވެސް މައްސަލަ ޙައްލުކުރެވޭތޯ މަޑުކުރަމުން ގޮސް 10، 12 އަހަރު ފާއިތުވެ 50 ގެ އަހަރުތަކަށް ފެށުމުން ދެވަނަ ބައިވެރިއަކު ހޯދަން އުނދަގޫތަކެއް ކުރިމަތިވާނެތީއެވެ. ބައެއް އަންހެނުންނަށް ދެވަނަ ބައިވެރިއަކު ނުލިބި ޢުމުރުގެ ބާކީ ދުވަސްތައް އެކަނިވެސް ހޭދަކޮށްލަން ޖެހޭތީއެވެ.  

މިހެން ބުނީމާ ބައެއް މީހުން ހިތްހަމަވެސް ނުޖެހިދާނެއެވެ. ނަމަވެސް މިއީ މިކަން އޮތްގޮތެވެ. ޙަޤީޤަތް ޤަބޫލުކޮށްގެން ނޫނީ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ވީމާ އަހުރެންގެ ނަޞޭޙަތަކީ ކައިވެނީގައި މިބުނި ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޙައްލުކުރަން މުއްދަތެއް ދޭށެވެ. އެމުއްދަތުގައި ޢިޖާބް ނުދީފިނަމަ އެހިސާބުން ދެވަނަ ދިރިއުޅުމެއް ހޯދަން މަސައްކަތްފަށާށެވެ.

މިމައްސަލަ ކުރިމަތިވާ ސަބަބު ވަރަށް ގިނައިން ބުނެވިއްޖެއެވެ. އެއީ މީހާ ދެކެ ލޯބިނުވެ އޭނާ ހުރި ސިފަ ދެކެ ލޯބިވެގެން ކައިވެނިކުރާކަމެވެ. މައްސަލައަށް އޮތް ހައްލަކީ މީހާ ދެކެ ލޯބިވެގެން ކައިވެނިކުރުމެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވާލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ވާލޯތްބަކަށް ހަދާނަމަ މިމައްސަލައެއް ނުޖެހޭނެއެވެ. ހިތާމައަކީ ހަމަ މިބުނީއެވެ. ކައިވެނިކުރާއިރު ހުންނަ ސިފަ ދެކެ ލޯބިވެގެން ކައިވެނިކުރާކަމެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން