އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަސް ފާހަގަކޮށްފި

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 15 ވަނަ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މުހިއްމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާއި، އެފަރާތްތަކަށް އިހުމާލުވުމާއި، އަދި އެކި ގޮތްގޮތުން އެފަރާތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.

2026 ވަނަ އަހަރަށް އެކުވެރި ދައުލަތްތަކުން (އދ.) ކަނޑައަޅާފައިވާ ޝިޢާރަކީ، "ހޭލުންތެރިކަމުގެ ބޭރުން: ދުވަސްވީ މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އަމަލީ މަސައްކަތް ކުރުން" (Beyond Awareness: Making Elder Abuse Prevention Work) މިއެވެ. މި ޝިޢާރުގެ ދަށުން މައިގަނޑު ގޮތެއްގައި ބާރުއަޅަނީ، ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، އަނިޔާ ހުއްޓުވުމަށްޓަކައި ހަރުދަނާ އަމަލީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި، އިންސާނީ ކަރާމާތާއި، އަދި ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުތަކަށާއި، ޖަމްޢިއްޔާތަކަށާއި، ޢާއިލާތަކުގެ އިތުރުން މުޅި މުޖުތަމަޢަށް މި ޝިޢާރުގެ ދަށުން ވަނީ ގޮވާލާފައެވެ.

އިސްރަށްވެހިންނަށް ކުރާ އަނިޔާއަކީ މުޅި ދުނިޔޭގައި ވެސް އެތައް މިލިއަން ބަޔަކަށް އޭގެ ނޭދެވޭ އަސަރުކުރާ، އިޖުތިމާޢީ އަދި އިންސާނީ ހައްގުތަކާ ގުޅިފައިވާ ނުހަނު ސީރިއަސް މައްސަލައެކެވެ. މީގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ، މާލީ އަދި ޖިންސީ ގޮތުން ކުރާ އަނިޔާގެ އިތުރުން، އިހުމާލުވުމާއި ބާކީކޮށްލުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާހުރެ މިފަދަ ގިނަ މައްސަލަތަކެއް މުޖުތަމަޢަށް ސިއްރުވެފައި އޮތުމަކީ މިކަމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރަށްވެހިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރެއްގައެވެ. އެގޮތުން 2025 ވަނަ އަހަރު، އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ވުޒާރާއަށް ޖުމުލަ 34 މައްސަލައެއް ހުށައެޅިފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޤާނޫނީ ރައްކާތެރިކަން ވަރުގަދަކުރުމާއި، މައްސަލަ ރިޕޯޓްކުރެވޭނެ ފަސޭހަ ނިޒާމުތަކެއް ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި އަޅާލާ މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ފަންނީ ތަމްރީނު ދިނުމާއި، އުމުރުން ދުވަސްވީ މީހުން އެކަހެރިވުން ކުޑަކުރުމަށްޓަކައި މުޖުތަމަޢުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ހަރުދަނާ އުސޫލުތަކެއް ބޭނުންވެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަކީ އެންމެންގެ ޒިންމާއެކެވެ. ޢާއިލާގެ ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހާލު ގަވާއިދުން ބެލުމާއި، އަނިޔާގެ ނިޝާންތައް ދެނެގަނެ، ޝައްކުކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ މުހިންމު މަސައްކަތެކެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އުމުރުން ދުވަސްވީ މީހުންނަށް އިންސާނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެންވާ އުފާވެރި މާހައުލެއް ކަށަވަރުކޮށްދެވޭނެއެވެ.

މިއަދު އޮންލައިން