ޕޭޕަލްގެ ޚިދުމަތް އިންޓަގްރޭޓްވުމަކީ ޑިޖިޓަލް އިޤްތިޞާދަށް އޮތް ހުރަހެއް ނައްތާލުން: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޕޭޕަލްގެ ޚިދުމަތް އިންޓަގްރޭޓްވުމަކީ ޑިޖިޓަލް އިޤްތިޞާދަށް އޮތް ހުރަހެއް ނައްތާލުން: ވަޒީރު ސަޢީދު

ޕޭޕަލްގެ ޚިދުމަތް ސީމްލަސްލީ ނުވަތަ ފަސޭހަކަމާއެކު ރާއްޖޭގައި އިންޓަގްރޭޓްކުރެވިގެން ދިއުމަކީ، ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރުމަށް އޮތް ބޮޑު ހުރަހެއް ނައްތާލުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ނޮވެންބަރު 17 ގައި ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކުގައި ދިވެހިންނަށް ހުރި ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތްކުރުމުން ނަތީޖާ ޙާޞިލްކުރެވޭނެކަން މި މަސައްކަތުން ސާބިތުވެފައިވާ ކަމަށް ވިދާޅުވިއެވެ. "ދިވެހިރާއްޖޭގެ މާކެޓް ސައިޒް ކުޑަވެގެން ނުވަތަ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް ބުރަވެ ރާއްޖެ ފަހަތަށްޖެހޭނެ ސަބަބެއް ނެތްކަން މިނަތީޖާއިން ދޭހަވޭ،" ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން އެއްވެސް ހުރަހެއް ނެތް ފުރިހަމަ މިނިވަންކަމެއް ހޯދައިދިނުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ އަމާޒަކީ ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ދިވެހިންނަށް ސީދާ ބައިވެރިވެވޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ފުޅާކުރުން ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ޙަޤީޤީ މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން