ރާއްޖޭގެ ކްރިއޭޓަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތު ނެތުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރާއްޖޭގެ ކްރިއޭޓަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތު ނެތުން: ރައީސް

ރާއްޖޭގެ ކްރިއޭޓަރުންނާއި އިނޮވޭޓަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންގެ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއް ވަންދެން ބުނަމުން އައި ނަމަވެސް، އެމަނިކުފާނު އެކަން ގަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށެވެ. އަދި ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ގެނައުމުގެ މަސައްކަތް ފެއްޓެވީ ދިވެހި އުފެއްދުންތެރިންނަށް އެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ މަގްސަދުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކު ވެސް ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ނެޓްވޯކްތަކުގެ ބޭނުން ހިފައި، ދިވެހީންގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ ބްރޭންޑްތަކަށް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. "ބޭނުންވަނީ ދިވެހީން ދެކޭ މުސްތަގުބަލަކީ ދިވެހިންގެ އުފެއްދުންތައް ސީދާ ދުނިޔޭގެ ބާޒާރަށް ވިއްކޭނެ މުސްތަގުބަލަކަށް ވުން،" ރައީސް ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ ހިއްސާއެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. މި މަސައްކަތްތަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށާއި، ގައުމުގެ އިގްތިސާދު ސިންދަފާތުނުކޮށް އެ އަމާޒަށް ވާސިލުނުވެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން ފިޒިކަލް ސްޕޭސްތައް ތަރައްގީކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ކްރިއޭޓާ ހަބްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި ތަން މިއަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވޭނެ ކަމަށާއި، އެތަނުގައި އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ-ވޯކިން ސްޕޭސްތައް ހިމެނޭނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ޕޭޕަލްގެ ޚިދުމަތާއެކު ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންނަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން