މޭ މަހު ރާއްޖެއަށް 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މޭ މަހު ރާއްޖެއަށް 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިދިއަމޭ މަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ އެޕްރީލް މަހާ އަޅާބަލާއިރު އިތުރުވުމެކެވެ.

ނިމިދިޔަ މޭ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ވަނީ 322 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދާ ކަމަށްވާއިރު، މޭ މަހުގެ ތަފާސްހިސާބުތަކުން ފެންނަނީ އިމްޕޯޓް ކުރި މުދަލުގެ އަގު މައްޗަށް ގޮސްފައިވާ ތަނެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެ ގައުމުން 1.1 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާއާއި އިންޑިއާއެވެ. އެގޮތުން ޗައިނާއިން 796 މިލިޔަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 750 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން 1.4 ބިލިޔަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން ކެއުމުގެ ބާވަތްތަކަށް ބަލާއިރު 948 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި 916 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އިލެކްޓްރިކް ސާމާނުވެސް ވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައެވެ.

މިއަދު އޮންލައިން