ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 19.1 ބިލިޔަން ރުފިޔާއަށް އަރާފައިވާކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން، 04 ޖޫން 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ ދަނީ މެދުނުކެނޑި ކުރިއަރަމުންނެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 04 ޖޫން 2026 ގެ ނިޔަލަށް މި އަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. މީގެއިތުރުން ޓެކްސް ނޫން އާމްދަނީއާއި އެހެނިހެން ވަސީލަތްތަކުން ލިބޭ ފައިސާވެސް ދައުލަތުގެ ބަޖެޓަށް ވަނީ ވަދެފައެވެ.