ހޭންޑީ ވޯޓަރ ބޮޓްލިން ޕްލާންޓުން އުފައްދާ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނަކީ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ކަށަވަރުކޮށްދީފިއެވެ.
އެމް.އެފް.ޑީ.އޭ އިން ނެރުނު ނޫސް ބަޔާނެއްގައި (ނަންބަރު: PR)182-FRP/182/2026/03) ވިދާޅުވެފައިވަނީ، ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު، އެ ފެން އަލުން ތަޙުލީލުކޮށްފައިވާ ކަމަށެވެ.
މިގޮތުން ކުރެވުނު ތަޙުލީލުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެ ފެނަކީ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ، ބޭނުންކުރުމަށް ރައްކާތެރި ފެނެއްކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ.
މި ނިންމުމަކީ ފެނުގެ ފެންވަރު ހިފެހެއްޓުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މީގެ ކުރިން މި ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެމް.އެފް.ޑީ.އޭ އިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.