ތިބާއަށް ފަތިސްނަމާދަށް ޢާންމުކޮށް ނުހޭލެވޭނަމަ އެއީ ބޮޑު ނުރައްކަލެއް ކަމަށް މިބުނަނީ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވެވޭ ކަމެވެ. ފަތިސް ނަމާދުން ދުވަސް ފަށަން އަންގަވާފައި އޮތަތީއެވެ. ދެވަނަ ސަބަބަކީ ފަތިސްނަމާދުކުރުމުން އެމީހަކަށް ދެއްވަވާ ރައްކައުތެރިކަން ނުލިބުމުގެ ސަބަބުން ތިމާގެ ހަށިގަނޑާއި ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާތީއެވެ. ތިން ވަނަ ސަބަބަކީ ﷲ ތަޢާލާ އެވަޤުތެއްގައި ބަރަކާތް ލައްވަވާފައިވާ ވަޤުތުގެ ފައިދާ ލިބިނުގަނެވުނު ކަމެވެ. މިހެންގޮސް އެތައް ބައިވަރު ސަބަބުތަކެއްވެސް ދެއްކިދާނެއެވެ.
ނައިޖީރިއާއިން އަހަރެންނަށް ދެވުނު އެއް އަވަށަކީ އިންތިހާއަށް ފަޤީރު މީހުން ދިރިއުޅޭ އަވަށެކެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ފަތިސް ނަމާދަށް ބަންގި ގޮވާއިރު އަވަށުގެ ކުދި ބޮޑު އެންމެން ތިބެނީ މިސްކިތުގައެވެ. މީހަކު މަދުވާނަމަ އެމީހާއަށް ވީގޮތެއް ބަލަން ވެސް މީހުން ދެއެވެ. ފަރުޟު 5 ނަމާދު ނުކުރާ މުސްލިމުން އުޅޭކަމެއް އެމީހުން ނުދަނެއެވެ.
ދެން އަހަރެމެންގެ ހާލަތަށް ބަލައިލަމާހެއްޔެވެ؟ ތަނަވަސްކަމެއް ﷲ ތަޢާލާ ދެއްވަވައިގެން ފިހާރައެއް ހުޅުވިއްޖަނަމަ ރޭގަނޑު މެންދަން ވެގެން ދިއަ ނަމަވެސް ފިހާރަ ބަންދުކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ޖީބުގައި ޑޮލަރެއް އޮތް ނަމަ ރޭގަނޑު މެންދަން ވެގެންދާއިރުވެސް ކޮފީ މޭޒުތަކާއި ރެސްޓޯރަންޓުތަކުން ނުކުމެވޭ ކަމަކަށް ވެސް ނުވެއެވެ.
ނަތީޖާއަކީ ފަތިސްވާކަން ނުއެނގުމެވެ. އެމީހުންނަށް އެނގެނީ މެންދަންވާ ކަމާއި ހެނދުނުވާ ކަމެވެ. ފަތިސްވެ އިރުއެރިކަން ނުއެނގި އެނގެނީ އިރު އަރައި ހޫނުވެއްޖެ ކަމަވެ.
ދެން ނިކަން ބުނެބަލާށެވެ! ކުރިން ސުވަރުގެ ވަންނާނީ ނޫނީ ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވެ ފަތިހު ހޭލައި ޖަމާއަތުގެ ފަތިސް ނަމާދުން ދުވަސް ފެށި މީހުން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ އެންގެވުމަށް ގޮންޖަހައި ނިދާފައި ތިބި މީހުން ހެއްޔެވެ؟
އެންމެންވެސް މިބުނަނީ ސުވަރުގެ ވަންނަން ބޭނުންވާ ކަމަށެވެ. ފަތިސްނަމާދުނުކޮށް ސުވަރުގެ ވަންނާނީ ކިހިނަކުންހެއްޔެވެ؟
ދެން އޮތީ ޤަޟާކުރުމެވެ. ނަމާދު ޤަޟާކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި ނިދިފައި އޮތުން ހިމެނުނު ނަމަވެސް ހޭލަން މަސައްކަތެއް ނުކޮށް ކޮންމެ ރެއަކު ނިދާފައި އޮތުމުން އެމީހާގެ ކިބައިގައި ﷲ ތަޢާލާއަށް ހުންނަންޖެހޭ ކިޔަމަންތެރިކަން ކޮބައިހެއްޔެވެ؟
- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން