އެސްފީނާއާ ގުޅުންހުރި ޞައްޙަ ޙަދީޘްތަކުގައި ރަސޫލާ ޞޢޥ ބޮޑަށް ބާރު އަޅުއްވާފައިވަނީ ބަރަކާތްލެއްވުން އެދި ދުޢާކުރުމަށް! މިމަގުން ދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 35ސ
އެސްފީނާއާ ގުޅުންހުރި ޞައްޙަ ޙަދީޘްތަކުގައި ރަސޫލާ ޞޢޥ ބޮޑަށް ބާރު އަޅުއްވާފައިވަނީ ބަރަކާތްލެއްވުން އެދި ދުޢާކުރުމަށް! މިމަގުން ދުޢާކުރައްވާ!

ކުރީގެ ޢަދަދާ ގުޅޭ:  

އެސްފީނާ ވާކަން ޤަބޫލުކުރާ ފަރާތްތަކަށްވެސް އޭގެ ޙަޤީޤީ މާނައިގައި އެސްފީނާގެ ނުރައްކާތެރިކަން ދެނެގަނެވިފައެއް ނުވެއެވެ. މީހަކަށް އެސްފީނާ ޖެހުމުން ކުއްލިއަކަށް އޭނާގެ ކިބައިން އޭގެ އަޘަރުތައް ފެނިގެން ހިނގައިދާނެތެވެ. ނުވަތަ މަޑުމަޑުން ބަލި ބޮޑުވަމުންގޮސް ވަރަށް ބޮޑަށް ބަލިވުންވެސް އެކަށީގެންވެއެވެ. ފަޟީލަތުއް ޝައިޚް އައްދުކްތޫރް ޢަބްދުލްކަރީމް އިބްނު ޢަބްދުﷲ އަލްޚުޟައިރް އެބޭފުޅާގެ ރަސްމީ ވެބްސައިޓުގައި މި ޙަދީޘް ޝަރަޙަ ކުރައްވައި ލިޔުއްވާފައިވާ ލިޔުމެއްގައި ވެއެވެ. 

"މިހާރަކަށް އައިސް، މީސްތަކުންނަށް ޖެހޭ އުނގަދޫ ގިނަ ބަލިތަކުގެ ސަބަބެއް ކަމުގައިވެފައި އެސްފީނާ ހިމެނެއެވެ."  

ބައްލަވާ: https://shkhudheir.com/scientific-lesson/1429853383 

މިޙަދީޘްގައި ޢާމިރު އިބްނު ރަބީޢާ އަށް، ސަހްލު އިބްނު ޙުނައިފް ފެނުނު ހިނދު އެކަލޭގެފާނުގެ ހަންގަނޑުގެ ރީތިކަމާމެދު ވާހަކަދެއްކެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދުތަކުން އެނގެނީ މިފަދަ ވާހަކައެއް ދައްކާނަމަ އެމީހަކަށް ބަރަކާތް ލެއްވުންއެދި ދުޢާ ކުރުމަށެވެ. ޢާމިރު އިބުނު ރަބީޢާ، އެފަދައިން ކަންތަކެއް ނުކުރެއެވެ. އެއާއެކު ސަހްލު އިބްނު ޙުނައިފަށް ޢާމިރުގެ އެސްފީނާ ޖެހުނީއެވެ.  

މީހެއްގެ ކިބައިން ނިޢުމަތެއް ފެންނަހިނދު، ނުވަތަ ތިމާ ގަޔާވާ ކަމެއް، ނުވަތަ ތިމާ ޢަޖައިބުވާ ކަމެއް ފެންނަނަމަ، ނުވަތަ އެފަދަ ވާހަކައެއް ދައްކާނަމަ، އެމީހަކަށް ބަރަކާތް ލެއްވުން އެދި ﷲ އަށް ދުޢާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެތައް ޙަދީޘެއްގައި ބަޔާން ކުރައްވާފައެވެ. މަތީގައިވާ ޙަދީޘުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢާމިރު އިބްނު ރަބީޢާއަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެ ހެއްޔެވެ؟” މިފަދައިންނެވެ. އަދި އެހެން ޙަދީޘެއްގައި ވެއެވެ. 

((إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ، أَوْ مِنْ نَفْسِهِ، أَوْ مِنْ مَالِهِ مَا يُعْجِبُهُ، فَلْيُبَرِّكْهُ فَإِنَّ الْعَيْنَ حَقٌّ)) [2]

رواه أحمد (15700) والحاكم (7500)وصححه الألباني في “الصحيحة” (2572) 

މާނަ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ފަރާތުން، ނުވަތަ އޭނާގެ ނަފްސުގެ ކިބައިން، ނުވަތަ އޭނާގެ މުދަލުގެ ފުށުން އޭނާ ޢަޖާއިބުވާފަދަކަމެއް ފެނިއްޖެނަމަ ފަހެ ބަރަކާތް ލެއްވުން އެދި ދުޢާކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ."  

ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެތް؟ 

ބަރަކާތް ލެއްވުން އެދި ތަފާތު ޢިބާރާތްތަކުން ދުޢާ ކުރެވިދާނެއެވެ. ދިވެހި ބަހުންވެސް ދުޢާ ކުރެވިދާނެއެވެ. މިޘާލަކަށް “ހާދަ މޮޅު ކުއްޖެކެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ!” މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރެވިދާނެއެވެ. ތިރީގައި އެވަނީ ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމުގައި ބޭނުންކުރެވިދާނެ ބައެއް ޢަރަބި ޢިބާރާތްތަކެވެ. 

1.    بَارَكَ ﷲ لَكَ – ތިބާއަށްޓަކައި ﷲ ބަރަކާތް ލައްވާށި

2.    بَارَكَ الله فِيْكَ– ﷲ ތިބާގެ ކިބައިގައި ބަރަކާތް ލައްވާށިއެވެ.

3.    اللهم بَارِكْ عَلَيهِ – ޔާﷲ! އޭނާގެ މައްޗަށް ބަރަކާތްލައްވާށިއެވެ. 

ބަރަކާތް ލެއްވުމަށް ދުޢާ ކުރެއްވުމުގެ ބަދަލުގައި مَا شَاءَ اللَّهُ އޭ ބުނުމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުއެވެ. އެއީ ޤުރްއާނުގެ އަންނަނިވި އާޔަތުން ދަލީލު ނަންގަވައިގެންނެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. 

﴿وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ﴾ [سورة الكهف: 39]

މާނަ: " އަދި ތިބާގެ ބަގީޗާއަށް، ތިބާ ވަންހިނދު، مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ ‘(މިއީ ތިމަންނާއަށް) اللّه އިރާދަކޮށްދެއްވި ނިޢުމަތެއް ކަމުގައާއި އަދި މިތަކެތި ޙާޞިލްކުރުމުގައި އެއްވެސް ބާރެއް اللّه ގެ ޙަޟްރަތުން މެނުވީ ލިބިގެން ނުވޭ’ ބުނިނަމަ ކޮންފަދަ ހެއްޔެވެ!" 

އެހެނަސް ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މިއާޔަތަކީ ބޮޑާވެ ގަންނަ މީހުންނަށް ދެއްވާފައިވާ އިރުޝާދެއް ކަމުގައެވެ. އެސްފީނާއާ ގުޅުން ހުރި މައްސަލައެއް ނޫންކަމުގައެވެ. [1]

އަދި ބައެއް ޢިލްމުވެރިން مَا شَاءَ اللَّهُ ނުވަތަ تَبَارَكَ اللَّهُ ކިޔުމަށްވެސް އިރުޝާދުދެއްވައެވެ. تَبَارَكَ اللَّهُ މި ލަފުޒު ބުނުމުން އެ ބުނެވެނީ "ﷲ މަތިވެރިވެވޮޑިގެންވެއެވެ."  ނުވަތަ "ﷲގެ މަތިވެރިކަމާއެވެ." މިހެންނެވެ. 

އެސްފީނާއާ ގުޅުން ހުރި ޞައްޙަ ޙަދީޘްތަކުގައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޮޑަށް ބާރު އަޅުއްވާފައިވަނީ ބަރަކާތްލެއްވުން އެދި ދުޢާކުރުމަށެވެ. އަދި އެސްފީނާ ޖެހިފައިވާ މީހާއަށް ފެން އަޅާ ޙަދީޘް ޝަރަޙަކުރައްވަމުން އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. 

"أَلَّا بَرَّكْتَ ؟

މާނައީ: އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެ ހެއްޔެވެ؟

އެބަހީ: اللهم بَارِكْ عَلَيهِ  (ޔާﷲ! އޭނާގެ މައްޗަށް ބަރަކާތްލައްވާށިއެވެ.) މިފަދައިން ވިދާޅުވާށެވެ.” [2]

އެހެންކަމުން މިކަމުގައި އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ އިރުޝާދަށް ތަބާވެ ކުރިން ބަޔާންވެދިޔަ ތިން ޢިބާރާތްފަދަ ޢިބާރާތަކުން ދުޢާކުރުމެވެ. 

واللَّهُ أعلم.

=ނުނިމޭ =

 

- އަލްއަޚް މިޠީޢު އިސްމާޢީލް މުޙައްމަދު

 

 

 

މިއަދު އޮންލައިން