ޤުރްއާނުގަވާ މި އިންޒާރަށް ބިރުވެތިވޭ!: ﷲ ތައާލާގެ މަތިން ހަނދުމަކުރުން މަދުކުރުމަކީ ދިރިއުޅުން ދަތިކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 15ސ
ޤުރްއާނުގަވާ މި އިންޒާރަށް ބިރުވެތިވޭ!: ﷲ ތައާލާގެ މަތިން ހަނދުމަކުރުން މަދުކުރުމަކީ ދިރިއުޅުން ދަތިކުރައްވަވާނެ ކަމެއް!

ނަމާދުއަޅާމީހުންނަށް ދުނިޔެއާއި އާޚިރަތުގައިވަނީ ނިކަމެތިކަމާއި ގަދަފަދަ ޢަޛާބެވެ. އަދި ކަށްވަޅުގައިވެސްވަނީ ނިކަމެތިކަމެވެ. އެފަދަމީހުންނަށް ދުނިޔެމަތީގައި ޝައިޠާނުން ފާކުރައްވާނެކަމަށްވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَمَن يَعْشُ عَن ذِكْرِ‌ الرَّ‌حْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِ‌ينٌ﴾[الزخرف: ٣٦]

މާނައީ: "ރަޙްމާނުވަންތަ އިލާހު ހަނދުމަކުރުމުން އެއްކިބާވެއްޖެމީހާއަށް، ތިމަން އިލާހު ޝައިޠާނެއްފާކުރައްވާހުށީމެވެ. ފަހެ، އެޝައިޠާނާ އޭނާއާވަކިނުވެ، އެކުގައި އުޅޭނެތެވެ." 

އަދި އެފަދަމީހުންނަށްވަނީ ދަތި އުނދަގޫވެގެންވާ ދިރިއުޅުމެކެވެ.  ﷲތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَمَنْ أَعْرَ‌ضَ عَن ذِكْرِ‌ي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُ‌هُ يَوْمَ الْقِيَامَةِ أَعْمَىٰ *قَالَ رَ‌بِّ لِمَ حَشَرْ‌تَنِي أَعْمَىٰ وَقَدْ كُنتُ بَصِيرً‌ا *قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَٰلِكَ الْيَوْمَ تُنسَىٰ﴾ [طه: ١٢٤ – ١٢٦]

މާނައީ: "އަދިތިމަންއިލާހު ހަނދުމަކުރުމުން އެއްކިބާވެގަންނަމީހާ ދަންނާށެވެ! ފަހެ،ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުންއެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރު ކުރައްވާހުށީމެވެ. އެހިނދު އޭނާބުނާނެތެވެ. އަޅުގެ ވެރިރައްބެވެ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކުކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެއިލާހު ވަޙީކުރައްވާނެތެވެ. ހަމައެފަދައިން ތިމަންއިލާހުގެ އާޔަތްތައް ކަލެޔާހަމަޔަށްއައެވެ. ފަހެ، އެއާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: ﷲގެ ރަޙްމަތުން މަޙުރޫމު ކޮށްލެވޭނެތެވެ.)" 

ދަންނާށެވެ! ޛިކުރުގެތެރެއިން އެންމެމުހިންމު، އެންމެ ބޮޑުކަމަކީ ނަމާދެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَأَقِمِ الصَّلَاةَ لِذِكْرِ‌ي ﴾[طه: ١٤]

މާނައީ: "އަދި ﷲ ހަނދުމަކުރުމަށްޓަކައި ނަމާދު ޤާއިމްކުރާށެވެ." 

ދެންފަހެ، ﷲ ޞުބުޙާނަހޫވަތަޢާލާ އެމީހަކާ ޝައިޠާނެއް ފާކުރައްވާ، ދަތި އުނދަގޫ ދިރިއުޅުމެއްދެއްވާ، ލޯކަނުމީހެއްގެ ގޮތުގައި މަޙްޝަރުކުރައްވާ، ﷲގެ ރަޙްމަތުން ބޭރުކޮށްލުމަކީ ކިހާދެރަ ނިކަމެތިކަމެއްތޯއެވެ! އަދި މީގެއިތުރުންވެސް ﷲ ތަޢާލާ ނަމާދު އަޅާމީހުން މަޙްޝަރުކުރައްވަނީ ކޮންބަޔަކާ އެކުގައިތޯއެވެ؟ ޢަބްދުﷲ ބުން ޢަމުރު ބުނުލްޢާޞް رضي الله عنهما ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ނަމާދުގެ ވާހަކަފުޅު ޛިކުރުކުރައްވަމުން ޙަދީޘްކުރެއްވިއެވެ. 

((مَنْ حَافَظَ عَلَيْهَا  كَانَتْ لَهُ نُورًا ، وَبُرْهَانًا ، وَنَجَاةً يَوْمَ الْقِيَامَةِ ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ ، وَلاَ بُرْهَانٌ ، وَلاَ نَجَاةٌ ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ ، وَفِرْعَوْنَ ، وَهَامَانَ ، وَأُبَيِّ بْنِ خَلَفٍ)). [رواه أحمد والدارمي والبيهقي في شعب الإيمان وقال الشيخ الألباني: صحيح]

މާނައީ: "ނަމާދުގެ މައްޗަށް ރައްކާތެރިވެއްޖެމީހާ ދަންނާށެވެ. އެނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، (ޢަޛާބުން މިންޖުކޮށްދޭނެ) ނަޖާތެއްކަމުގައި ވާނެއެވެ. އަދި ނަމާދުގެމައްޗަށް ރައްކާތެރި ނުވެއްޖެމީހާ ދަންނާށެވެ. އެނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، (ޢަޛާބުން މިންޖުކޮށްދޭނެ) ނަޖާތެއްކަމުގައި ނުވާނެއެވެ. އަދި ޤިޔާމަތްދުވަހު އޭނާވާހުށީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި އުބައްޔުބުން ޚަލަފާއި އެކުގައެވެ." 

ނިކަންވިސްނާބަލާށެވެ. ޤިޔާމަތްދުވަހުގައި ނަމާދަށް ރައްކާތެރިނުވާމީހުން މަޙްޝަރުކުރެވެނީ ކުފުރުގެ ބޮޑެތި އިމާމުންނާއެކުގައެވެ. އެފަދަ މީހެއްގެ ހަލާކާމެދު އެއްވެސް ޝައްކެއްވޭހެއްޔެވެ. 

އިބުނުލް ޤައްޔިމު رحمه اللهވިދާޅުވިއެވެ. 

"އަދި އޭނާ ނަމާދުން ރައްކާތެރިވުން ދޫކޮށްލާ، ޣާފިލުކޮށްލި އެއްޗަކީ އޭނާގެ މުދަލެވެ. ނުވަތަ އޭނާގެ ވެރިކަމެވެ. ނުވަތަ އޭނާގެ ރިޔާސަތެވެ. ނުވަތަ އޭނާގެ ވިޔަފާރިއެވެ. ފަހެ އޭނާގެ މުދާ ނަމާދުން ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ ޤާރޫނާއެކުގައެވެ. އަދި އޭނާގެ ވެރިކަން ނަމާދުން ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ ފިރުޢައުނާ އެކުގައެވެ. އަދި އޭނާގެ ރިޔާސަތާއި ވަޒީރުކަން ނަމާދުން ޣާފިލުކޮށްފިނަމަ އޭނާވާހުށީ ހާމާނާ އެކުގައެވެ. އަދި އޭނާގެ ވިޔަފާރި ނަމާދުން ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ އުބައްޔުބުން ޚަލަފާއިއެކުގައެވެ."

[الصلاة وحكم تاركها لإبن القيم] 

حي علي الصلاة, حي علي الصلاة (ނަމާދަށް އަވަހަށް އަންނާށެވެ. ނަމާދަށް އަވަހަށް އަންނާށެވެ.) މިފަދައިން ދުވާލަކު ފަސްވަގުތު ގޮވާލެވެއެވެ. ނަމަވެސް މިނިދާގެ އަޑު އިވެނީ ކިތައްކިތައް މީހުންނަށް ހެއްޔެވެ. ފުރަގަސްދީ މިދެވެނީ ކޮންފަދަ މަތިވެރި ފަރާތެއްގެ ނިދާއަކަށްކަން ހަމަ ނޭގެނީ ބާވައެވެ. މިނިދާއަށް އިޖާބަދީފިނަމަ ކޮޅުނެތްކޮޅުގެ ކާމިޔާބުވަނީ ހަމަ އެމީހަކަށެވެ. އަދި މިނިދާއަށް އިޖާބަނުދީފިނަމަ ގެއްލުމާއި ހަލާކު ހުރީވެސް ހަމަ އެމީހަކަށެވެ. މާތް ނަބިއްޔާވަނީ އެފަދަމީހުންނަށް އޮތް ބަދުނަޞީބުގެވާހަކަ އަންގަވާދެއްވާފައެވެ. 

އުންމު އައިމަންرضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

((لَا تَتْرُكِ الصَّلَاةَ مُتَعَمِّدًا، فَإِنَّهُ مَنْ تَرَكَ الصَّلَاةَ مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ ذِمَّةُ اللهِ وَرَسُولِهِ))[رواه أحمد والبيهقي وقال الشيخ الألباني: صحيح لغيره]

މާނައި: "ތިބާ ގަސްދުގައި ނަމާދު ނާޅާށެވެ. ފަހެ ހަމަކަށަވަރުން ގަސްދުގައި ނަމާދު އަޅާފިމީހާ، ﷲއާއި އެއިލާހުގެ ރަސޫލާގެ ޛިންމާއިން ބަރީއަވެއްޖެއެވެ."

 

 

- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން