ބައްޔެއްވިޔަސް އެހެން ކަމެއް ކުރިމަތިވިޔަސް މި 2 އާޔަތް ކިޔަވައި މާނަ ހިތަށްގެނެސް ޔަޤީންކުރާ މީހުންނަށް ޝިފާދެއްވަވާނެތެވެ! ހެޔޮ ގޮތްވެސް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ބައްޔެއްވިޔަސް އެހެން ކަމެއް ކުރިމަތިވިޔަސް މި 2 އާޔަތް ކިޔަވައި މާނަ ހިތަށްގެނެސް ޔަޤީންކުރާ މީހުންނަށް ޝިފާދެއްވަވާނެތެވެ! ހެޔޮ ގޮތްވެސް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

ބަލިމަޑުކަން ނުވަތަ އެނޫންވެސް މުޞީބާތްތައް ކުރިމަތިވުމަކީ ދުނިޔޭގެ އާދައެވެ. ދުނިޔެ ފުރިގެންވަނީވެސް މުޞީބާތްތަކުންނެވެ. ވީމާ މުޞީބާތްތައް ކުރިމަތިނުވާނަމަ ދުނިޔޭގެ ޙަޔާތުގެ ބޭނުމެއްވެސް ނެތެވެ.  

އެހެންކަމުން އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ ވެސް ވިސްނައިލަންވީ ތިމާއަށް އެކަންކަން މެދުވެރިވި ގޮތާއިމެދުގައެވެ. ކަންކަން މެދުވެރިވަނީ ކޮން ފަރާތަކުން ކަމާއިމެދުގައެވެ. އަދި ޙައްލު ހޯދޭނީވެސް ކޮން ގޮތަކުން ކަމެވެ.  

ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި އެމީހާއަށް މުޞީބާތް ކުރިމަތިވީ ކޮންމެވެސް މީހެއްގެ ސަބަބުންނެވެ. މުޞީބާތް ކުރިމަތިވާން މެދުވެރިވި ސަބަބަކީ ކޮންމެވެސް މީހަކު ކުރި ކަމެއް ކަމަށް ވެދާނެއެވެ. ނަމަވެސް މުސްލިމުން ޤަބޫލުކުރަންވީ އެއްވެސް މީހަކީ އެފަދަ ކަމަކަށް އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫން ކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.  

އަހަރެމެންނަށް ކުރިމަތިވާ މުޞީބާތްތައް ނުވަތަ އެހެންކަންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. ﷲ ތައާލާއަށް ވަންހަނާވެގެންވާ އެއްވެސް ކަމެއް ނުހިނގާނެއެވެ. ﷲ ތަޢާލާ ދެނެވޮޑިގެން ނުވާ އެއްވެސް ކަމެއް އެއްވެސް މީހަކަށް މެދުވެރިއެއް ނުވާނެއެވެ.

އަހަރެމެންނަށް ކުރިމަތިވާ މުޞީބާތްތައް ބޮޑުވެގެންދަނީ މިކަންކަން ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ޔަޤީންކުރަން ކުރަން އޮތް އެއް ކަމަކީ ކީރިތި ޤުރްއާނުގެ ތެރެއަށް ފީނައި ކަންކަން ހޯދުމެވެ. ޢިބްރަތް ޙާޞިލުކުރުމެވެ. ވީމާ މި ބަޔާންކުރާ 2 އާޔަތާއިމެދު ފުންކޮށް ވިސްނާށެވެ! މި ދެ ޢާޔަތަކީ މުޞީބާތުގައިވާ މީހުންގެ މައްސަލަތަކަށް އޮތް ޙައްލެއްކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި ބަލިތަކަށް ޝިފާއެއް ކަމަށްވެސް ދެކެލައްވައެވެ.  

ކީރިތި ޤުރްއާނުގެ މި އާޔަތަށް ވިސްނައިލި ނަމަވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އެންމެހައި ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ﷲ ތަޢާލަށް އެނގިގެންދެއެވެ. އަދި އަހަރެމެން ކިތަންމެ ސިއްރުން ކަމެއް ކުރި ނަމަވެސް ﷲ ތަޢާލާ އެކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާކަން އެނގިގެންދެއެވެ.  

وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ 

"އަދި ޣައިބު ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." (އަލްއަންޢާމް: 59) 

وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ 

" އަދި ﷲ، ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާއަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އަލްއަންޢާމް: 17)  

މިއާޔަތަށް ވިސްނައިލާށެވެ! އަހަރެމެންނަށް ކުރިމަތިވާ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ﷲ ތައާލާގެ މިންވަރުފުޅުންނެވެ. ލިބޭ ހުރިހާ ނިޢްމަތްތަކެއްވެސް ލިބެނީވެސް ހަމަ ﷲ ތައާލާގެ މިންވަރުފުޅުންނެވެ. ﷲ ތައާލާ ފިޔަވައި އަހަރެމެންނަށް ނިޢްމަތެއް ވެސް އަދި ނިކަމެތި ކަމެއްވެސް މެދުވެރި ކުރެވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ.  

ބަލި މީހަކަށް ނުވަތަ މުޞީބާތުގައިވާ މީހަކަށް މި ދެއާޔަތުން އެނގިގެންދާނީ ޙައްލު ހޯދަން ސަބަބުގައި ހިފައިގެން މަސައްކަތްކުރި ނަމަވެސް ޙައްލު ލިބިގެންދާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. ވީމާ ބަލިމަޑުކަމެއް ކުރިމަތިވި ނަމަވެސް އަދި މުޞީބާތެއް ކުރިމަތިވިނަމަވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުންކަމެވެ. އަދި ނަޞްރަށް ނުވަތަ ޝިފާއަށް އެދި ގިނަގިނައިން ދަންނަވަންވީ ﷲ ތައާލާގެ ޙަޟްރަތުގައިކަމެވެ. އެކަމުގައި ސާބިތުވެއްޖެ މީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިން ޝާ ﷲ!

 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން