ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، މުޙައްމަދު ރިޒްވީ ޙަސަން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ވަނީ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ކޮމިޝަނަރ ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ) މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.